ގަައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ ކޫޕްމަން ހަމަޖައްސައިފި
ހުސްވެފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ގައުމީ ކޯޗަކަށް ހަމަޖެއްސި ކޫޕްމަންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި ހުރި ކޯޗެކެވެ. އޭގެ އިތުރުން އޭނާ ވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އެގައުމުގެ މަޝްހޫރު ކްލަބު އަލް ނަސްރުގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.
ކޫޕްމަން ބުނީ ރާއްޖެ ޓީމާ ހަވާލުވާން އޭނާ ނިންމީ އެންމެ ފަހުން ކޯޗުކޮށްދިން އަރޫބާ ޓީމާ އެއްގޮތަށް ކަންތައްތަކެއް ހުރުމުގެ އިތުރުން ފުޓްބޯޅައިގައި ޝައުގުވެރި ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ. އަދި ރާއްޖޭގައި އޭނާ މަސައްކަތް ކުރަން ބޭނުންވަނީ އެންމެންނާ ގުޅިގެން ޓީމު ކުރިއަށް ގެންދެވޭނެ އެންމެ ރަނގަޅަކަށް ކަމަށް ބުންޏެވެ.
ކޫޕްމަންއާ އެކު، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ މަޝްހޫރު ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. ގޫސް ހިޑިންކް އެކޭ އެއްގޮތަށް ރެނޭ ވެސް ވަނީ ޔޫރަޕްގެ އިތުރުން އޭޝިއާގެ އެކި ގައުމުތަކުގައި ކޯޗުކަމުގެ ތަޖުރިބާތަކެއް ކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ގައުމީ ކޯޗުކަމުގެ މަގާމުން ޕީޓާ ސެގަޓް ދުރުކުރުމަށްފަހު މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ. ސެގަޓް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުއެވެ.