ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަމެއް ނެތޭ ބުނުމަކީ މިގައުމަށް ކުރެވޭ މަލާމާތެއް: އުމަރު
ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން ހިންގާ ގައުމު ކަމަށާއި މި ގައުމުގެ ދައުލަތުގައި އަމިއްލައަށް ހެލިކޮޕްޓަރު ހިންގޭނެ ތަނަވަސްކަމެއް ނެތޭ ބުނުމަކީ މި ގައުމަށް ކުރެވޭ މަލާމާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އަމިއްލައަށް ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ކުރެއްވި ފޭސްބުކު ޕޯސްޓެއްގައެވެ.
ދިވެހި ތާރީޚުން މިސާލު ނަންގަވަމުން އުމަރު ވިދާޅުވީ މީގެ 45 އަހަރުކުރިން ދިވެހި ސިފައިންގެ ތެރޭގައި މަތިންދާ ބޯޓް ސެކްޝަންގެ ނަމުގައި އެއާ ވިންގެއް އޮންނަ ކަމަށެވެ. އަދި އޭރު ދިވެހި ސިފައިން މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވައި އެތަކެތި ބެލެހެއްޓި ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، އަލްމަރުހޫމް ކޮލި އަލިމަނިކުގެ މޭސްތިރިކަމުގައި ކުދި މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދައުލަތުން ގަނެފައިވާ ކަމަށެވެ.
އަދި އެތަކެތި ބަލަހައްޓައި ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީނުކުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލޮޓުން ރާއްޖެ ގެނެސް ތަމްރީނުކޮށްފައިވާ ކަމަށް ވެސް ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭގެ އަހަރުތަކެއް ފަހުން މަތިންދާ ބޯޓް ސެކްޝަންގެ ނަން އެންއެސްއެސް އެއާވިންގުގެ ނަމަށް ބަދަލުވެ ދިވެހި ޕައިލަޓުންނާއި އިންޖިނިއަރުންގެ އެހީތެރިކަމުގައި ފަސް އެއާކްރާފްޓާއި ދެ ހެލިކޮޕްޓަރު ދިވެހި ސިފައިން އުދުއްސަމުންދިޔަ ކަމަށެވެ.
އެ އުޅަނދުތަކާއި ޕައިލެޓުން 1992 ވަނަ އަހަރު އެއާ މޯލްޑިވްސްގެ ދަށަށް ބަދަލުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ދިވެހި ސިފައިންނަށް ދިނުމަށް އިންޑިއާ ސަރުކާރުން ދެކޮޅުހަދާތީ އުމަރު އަންނަނީ ފާޑުވިދާޅުވަމުންނެވެ.