މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެ
ލޮސް އެންޖްލެސް ކައިރި އަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި ނުވަ މީހުން މަރުވި ހާދިސާގައި، ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ ކޯބީ ބްރަޔަންޓާއި އޭނާގެ ދަރިފުޅު ރޭ މަރުވެއްޖެ އެވެ.
ރިޓަޔާކޮށްފައިވާ އުމުރުން 41 އަހަރުގެ ބްރަޔަންޓް ދަތުރުކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ކުޅެން އޮތް ކޮލެޖް ބާސްކެޓްބޯޅަ މެޗެއް ބަލާލުމަށެވެ. އޭގައި ކޯޗާއި އޭނާގެ އާއިލާ އަދި އިތުރު ބެލެނެވެރިޔަކާއި އޭނާގެ ދަރިފުޅު ވެސް ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ ގަޑިން ހެނދުނު ގާތްގަނޑަކަށް 10 އެއް ޖެހިއިރު ހިނގި މި ހާދިސާގައި ބޯޓް ވެއްޓި އެއްކޮށް ވަނީ އަނދައި ކުދިކުދިވެފަ އެވެ.
އުމުރުން 41 އަހަރުގައި ބްރަޔަންޓް މަރުވިއިރު އޭނާ ހަތަރު ދަރިންތިބެއެވެ. މި އެކްސިޑެންޓުގައި އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ މަރުވެފައެވެ. ބްރަޔަންޓް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގައެވެ. ނޭޝަނަލް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ލޮސް އެންޖެލްސް ލޭކާޒް އަށް ކުޅުން ބްރަޔަންޓް ވަނީ ފަސް ފަހަރެއެއްގެ މަތިން ޗެމްޕިއަންކަން ހޯދާފައެވެ.
މިހާތަނަށް ދުނިޔޭގައިވެސް އުފެދުނު އެންމެ މޮޅު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ބްރަޔަންޓް ވަނީ ދެ ފަހަރެއްގެ މަތިން އެންބީއޭ ފައިނަލްސްގެ "މޯސްޓް ވެލިއުއެބްލް ޕްލޭޔާރ" އެވޯޑުވެސް ހާސިލުކޮށްފައެވެ. ބްރަޔަންޓްވަނީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބާސްކެޓް ކުޅެފައެވެ. މިގޮތުން 2008 ވަނަ އަހަރު ބެއިޖިންގް އޮލިމްޕިކްސްގައި އަދި 2012 ލަންޑަން އޮލިމްޕިކްސްގައި ބްރަޔަންޓް ވަނީ ރަން މެޑަލް ހޯދާފައެވެ.
ބްރަޔަންޓް މަރުވުމާއި ގުޅިގެން މުޅި އެމެރިކާގެ އިތުރުން ދުނިޔޭގެ ކުޅިވަރު އާއިލާ ދަނީ ހިތާމަފާޅު ކުރަމުންނެވެ.