ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށްފި
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިނުމުން އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އޭރު އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ފޯނެއް ނުދިން ކަމަށް ބުނެ ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ.
މިއަދު ހައިކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ އެ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ. އެހެންވެ އެ ހުކުމް ބާތިލްކުރީ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އޭގެތެރެއިން ދެ ދައުވާއަކާ ގުޅިގެން އައި ދެ ހުކުމް ތަންފީޒުކޮށް އަބްދުﷲ ސައީދު ވަނީ ނިންމަވާފަ އެވެ. ފޯނު ނުދިން މައްސަލައިގެ ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.