ޚަބަރު

ބަންގްލަދޭޝްގެ އަވަށަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީ ދިވެހި އާއިލާއަކުން ނަމޫނާ ދައްކައިފި

ދިވެހި ޢާއިލާއަކުން ބަނގުލަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ޢާއިލާ ތަކަކަށް ސާފު ފެންލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.

އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އެ ޢާއިލާއިން އެ ވިލެޖަށް ސާފުފެން ލިބޭނެނެ ވަޅެއް ހަދާފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ. އައިއޭސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާއެކެވެ.

ވީނަސްވިލާ ފެމިލީގެ އެހީތެރިކަމާއިއެކު، ހަދާފައިވާ އެ ވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ އަމިނިއާ އެބްޓެޑައީ މަދްރަސާ، ކޮއެރަ، ޚުލްނާ ގައެވެ.

އައިއޭސީއިން ބުނެފައިވަނީ އެވަޅު ހަދާފައިވަނީ ބަންގްލަދޭޝްގެ ސްކޫލެއްގެ ކައިރީގައި ކަމުގައި ވުމުން، 150 ދަރިވަރުންނަށް ފަސޭހަ ކަމާއެކު ސާފު ފެން ލިބޭނެ އިންތިޒާމުވަނީ ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި 200 އެއްހާ ވިލެޖުގެ އެ ވަޅުން ފަސޭހަ ކަމާއެކު ފެން ލިބޭނެއެވެ.

އައިއޭސީން ބުނީ އެ ވިލެޖުގެ ރައްޔިތުންނަށް މިގެނެސްދިން ފަސޭހައިގެ ސަބަބުން ސާފު ބޯފެން ހޯދުމަށް ދުރު ހިސާބުތަކަށް ހިނގުމުން އެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ތަކުލީފަށް ލުއިކަން ލިބިގެން ދާނެ ކަމަށެވެ.

އައިއޭސީއިން ދަނީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން އެ ޖަމްޢިއްޔާއިންވަނީ ސީރިއާ، ޔަމަން، ފަލަސްޠީންގެ އިތުރުން މިޔައްމާގެ ރޮހިންޔާ މުސްލިމުންނަށް އަމާޒުކޮށްގެންވެސް އެހީގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!