މާދަމާ ފަށާ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ޓީވީން ލައިވެއް ނުކުރާނެ
މާދަމާ ފަށާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ޓީވީން ލައިވްކޮށް ދައްކަން މިހާތަނަށް ނިންމާފައި ނުވާ ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ.
އެ ޝަރީއަތުގެ މަދު އަޑުއެހުންތަކެއް ފިޔަވައި އެހެން ހުރިހާ އަޑުއެހުމެއް ޓީވީން ވަގުތުން ދުރަށް ދެއްކި އެވެ. އެއީ ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ފަހަރެވެ.
އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް ފަށަން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ޝަރީއަތް ލައިވްކުރުން ފަދަ ކަންކަމުގައި ނިންމުންތައް ނިންމޭނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ކަމަށާއި އެ މަޖިލީހުގެ އެފަދަ ނިންމުމެއް މިހާތަނަށް ނެތް ކަމަށެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ. އެކަމާ މެދު ހައި ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.