މިއީ ސިޔާސީ ގޮތުން އަގު ވައްޓައިލަން ކޮށްފައިވާ ކަމެއް: ކާނަލް ނާޒިމް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަށް ނުވަތަ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ފަރާތްތެއް ކަމަށް ބުނެ އެކުލަވާލައިފައިވާ ލިސްޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުޙައްމަދު ނާޒިމްގެ ނަން އޮތުން އެމަނިކުފާނު ކުށްވެރި ކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ކާނަލް ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ލިސްޓުގައި އެމަނިކުފާނުގެ ނަން ހިމަނާފައިވަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފަށް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އެމަނިކުފާނުގެ އަގު ވައްޓައިލުމަށް ޓަކައި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް މިއަދާ ހަމައަށް ވެސް އަޅުގަނޑާ ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައި ނުވުމަކީ އެކަމުގެ އަލިކަދަ ހެއްކެކެވެ." ނާޒިމް ވިދާޅުވެފައިވެއެވެ.
ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ވެސް ނުވަތަ އެހެން ވެސް ހައްގު ނޫން މުއާމަލާތަކާ ގުޅިގެން ވިޔަސް މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ނުވަތަ ހައްގު ނޫން މަންފާއެއް ވިޔަސް ބޭނުން ކޮށްފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.