ޚަބަރު

ބީއެމްއެލް އިން 10 ސްކޫލެއްގެ ސެން ކްލާހަށް އެހީވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލް އަށެވެ.

ބީއެމްއެލް އިން ބުނީ ސްކޫލުތަކުގައި ހިންގާ ސެން ކްލާސްތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް މަދުވުންކަމަށްވާއިރު މި އެހީ އާއެކު ޖުމްލަ 300 އެއްހާ ކުދިން ކިޔަވަމުންދާ މި ކްލާސްތަކަށް ތައުލީމީ އާ އަހަރާއެކު ކިޔަވައިދިނުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި ތަކެއްޗާއެކު ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި އެކުލެވޭ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގުފަހިވެގެންވެސްދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

"ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަން ފާހަގަކޮށްލަން. މިކަމުގައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބޭންކުން ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ފާއިތުވެދިޔަ އަހަރުތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ތަފާތު ހަރަކާތްތަކެއް ވަނީ ހިންގިފައެވެ. މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއަރ ހަދިޔާކުރުމާއި، ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނެއެވެ.

މީގެ އިތުރުން 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!