ތިނަދޫން އިތުރު 5 މީހުން ފައްސިވެ، ޖުމްލަ އަދަދު 133އަށް
ގދ. ތިނަދޫން އިތުރު 5 މީހުން ކޮވިޑް-19 އަށް ފައްސިވެ އެ ރަށުން ފައްސިވީ އަދަދު 133އަށް އަރައިފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 209 ސާމްޕަލެއް ވެއެވެ.
ތިނަދޫން މިހާރު 133 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 92 މީހުން އެބަތިއްބެވެ.
މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 41 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.