ވިޔަފާރި

ނިމިދިޔަ އަހަރު ދިރާގަށް 22.2 އިންސައްތައިގެ ގެއްލުމެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ކަމަށްވާ ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

Ads by STELCO

ރާއްޖޭގެ ކޮވިޑް19 ގެ ޙާލަތު އިތުރަށް ގޯސްވެފައިވުމާއި ގުޅިގެން، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވެސް ދިރާގުން ބާއްވާފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ. މިއަދު ބޭއްވި 32 ވަނަ އަހަރީ ޢާންމު ޖަލްސާގައި 46 ޙިއްސާދާރުންނާއެކު 717,373,704 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައި ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގުން ބުނީ ނިމިދިޔަ 2020ވަނަ އަހަރު އެ ކުންފުންޏަށް 22.2 އިންސައްތަ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަށާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ވަނީ އެތަކެއް ލޮޅުމެއް އަރާފައިއެވެ. މުޅި ދުނިޔެ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ދިރާގުގެ ޚިދުމަތްތަކުން ވަނީ އައު ޢާންމު ޙާލަތަކަށް ނުވަތަ "ނިއު ނޯމަލް" އަކަށް ވާސިލުވުމަށް އެހީވެދީފައެވެ. އެގޮތުން ދިރާގުގެ މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެން މަސައްކަތްކުރާ ގޮތާއި، އުނގެނުމާއި، ވިޔަފާރި ކުރާގޮތާއި އެކަކު އަނެކަކާ މުޢާމަލާތުކުރާ ގޮތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިއެވެ.

"އަޅުގަނޑުމެންގެ ނެޓްވޯކާއި، ފޯރުކޮށްދޭ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، އަޅުގަނޑުމެންގެ ޚިދުމަތްތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކުރާ ތަޞައްވަރު ކާމިޔާބުކުރުމަށްޓަކައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްމެންޓްތަކުގެ ނަތީޖާއަކަށްވީ ކޮވިޑް19 ގެ ސަބަބުން އަޅުގަނޑުމެންނަށާއި، ދިވެހި މުޖުތަމަޢުއަށާއި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކާ ކުރިމަތިލައި، މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލިބިދިން އެހީއަކާއި ބާރަކަށެވެ." ދިރާގުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ދިރާގުން އިތުރަށް ބުނެފައި ވަނީ، ކޮވިޑް19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް އެ ކުންފުނިން އެންމެ އިސްކަމެއް ދީފައިވަނީ ދިރާގުގެ މުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށާއި ވިޔަފާރި ދެމެހެއްޓުމާއި އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންތަކަށް އެއްވެސް ޚިދުމަތެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގުން މީގެ އިތުރުން ބުނީ، މުޅި ދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ޙާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީ ވަނީ 13.1% ދަށްވެފައިވާ ކަމަށާއި ކުންފުނީގެ މުޙިންމު ހުރިހާ ވިޔަފާރިއަކުން ވެސް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައި ވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އަދި 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށް ފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީ އިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2% ދަށް އަދަދެއް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

ދިރާގުން އިތުރަށް ބުނީ އެ ކުންފުނީގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާ އެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށްވަނީ ނިންމާފައިވާ ކަމަށެވެ.

"މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. 2020 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ (39.8%) މަދު އަދަދެކެވެ." ދިރާގުން ބުނެފައިވެއެވެ.

އިންސައްތަ ބަދަލުވި މިންވަރު 2019 2020
-13.1% 2,859 2,483 އާމްދަނީ
-14.4% 1,495 1,279 އިންޓްރެސްޓާއި ޓެކްސް އުނިކުރުމުގެ ކުރިން ލިބިފައިވާ ފައިދާ
-22.2% 942 732 ޓެކުހަށް ފަހު ފައިދާ
-22.2% 12.39 9.64 ބޭސިކް ހިއްސާއަކަށް ޖެހުނު ފައިދާ (ރުފިޔާ)
-39.8% 12.00 7.23 ހިއްސާ އަކަށް ލިބުނު ޑިވިޑެންޑް (ރުފިޔާ)

 

ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށާއި، ދިރާގުގެ ޚިދުމަތްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރިކޮށްދީ، ދިވެހި މުޖުތަމަޢު ބާރުވެރި ކުރުމަށްޓަކައި އެ ކުންފުނިން ވަނީ ރާއްޖޭގައި ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރއެއް ގާއުމުކޮށްދީފައިއެވެ. އިންޓަރނެޓް ކަނެޓްޓިވިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އަޅުގަނޑުމެންކުރި މުހިންމު އެއް އިންވެސްޓްމަންޓް ކަމުގައިވާ މޯލްޑިވްސް ސްރީލަންކާ ކޭބަލް (އެމްއެސްސީ) ގެ މަސައްކަތް ނިންމައި ޚިދުމަތްވަނީ ދޭންފަށާފައި ކަމަށާއި މި މަޝްރޫގެ ޖުމްލަ އިންވެސްޓްމެންޓުގެ 45%ވަނީ ޚަރަދު ކޮށްފައިވާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، ގިނަގުނަ ގޮންޖެހުން ތަކާއެކުގައި ވެސް ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ތަޖުރިބާއެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު އަބަދުވެސް ކުރިއަށް ދާ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ 80% ގޭބިސީއަށް ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދީފައިވާކަން ވެސް ދިރާގުން ފާހަގަ ކޮށްފައިވެއެވެ. އަދި ކަސްޓަމަރުންނަށާއި ވިޔަފާރިތަކާއި ޢާންމުންގެ ޚިދުމަތުގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އިތުރު ކަސްޓަމަރުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ގުޅުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް އިތުރުކޮށްފައިވާނެކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

  1. ފިރާގު

    ދިރާގަށް ގެއްލުމެއްނުވާނެ!

  2. ޙުސެން

    ޢާމްދަނީީ ދައްވުންް އެއީީ ގެއްލުންވުންް ކަމަށ ކިޔަންބޭނުންް ނަމަަ ނޫސްވެރިކަންް ހުއްޓާފަަ މަހަށްދޭ

  3. ބަސްމަދު

    ގެއްލުމެއްނުވާނެ .ތީ ކަނޑައެޅިގެން ދޮގެއް.

  4. ެކެކެކެ

    ހީވެސް ނުވޭ