ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 106 އަށް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ހުބޭ ޕްރޮވިންސްގެ ހެލްތް ކޮމިޝަނުން މިއަދު ހެނދުނު ބުނީ މި ބަލީގައި އިއްޔެ އެކަނިވެސް 24 މީހަކު މަރުވެފައިވާ ކަމަށާއި އެއާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ 106 އަށް އަރާފައިވާ ކަމަށެވެ.

އަދި އިއްޔެ އެކަނި މި ބަލި ޖެހިފައިވާ އިތުރު 1،291 މީހަކު އެ ޕްރޮވިންސުން ފެނިފައިވާ ކަމަށާއި އެއާއެކު ޗައިނާގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށްވެސް ހެލްތް ކޮމިޝަނުން ބުނެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އާއި ފްރާންސް އަދި ނޭޕާލުން ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ. އަދި އިއްޔެ ސްރީލަންކާ އާއި ޖަރުމަނުގެ އިތުރުން ކެނެޑާ އިން ވެސް މި ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!