ރިޕޯޓް

ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުން ވަގުތީ ގޮތުން ހުއްޓާލަންވީ...!؟

ދެން އެމްވީ ، ދެން އޮންލައިން

މީގެ 17 އަހަރު ކުރިން ސާސް ނަމަކަށް ކިޔާ ނުރައްކާތެރި ރޯގާއެއް ޗައިނާގައި ފެތުރި 8000 އަށް ވުރެ ގިނަ މީހުންނަށް އެރޯގާ ޖެހުނެވެ. އަދި އެ ބަލީގައި ހަ މަސް ދުވަހުގެ ތެރޭގައި 775 މީހުން މަރުވިއެވެ. އޭގެ ތެރެއިން 648 މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ.

Ads by STELCO

މިއީ ސާސް ރޯގާއެއް ނޫނެވެ. މިއީ އެއަށްވުރެވެސް ނުރައްކާތެރި އަދި އެހާމެ އަވަހަށް ފެތުރެމުން އަންނަ ރޯގާއެކެވެ. އިއްތިފާގަކީ "ނޮވެލް ކޮރޯނާ ވައިރަސް" ނަމުން ނަން ދެވިފައިވާ މި ރޯގާވެސް ފެތުރެމުން ދަނީ ޗައިނާގައި ކަމެވެ. މި ރޯގާގެ މިހާރު ވަނީ ޗައިނާގެ އިތުރުން އިރު ދެކުނު އޭޝިއާއާއި ޔޫރަޕުގެ އިތުރުން އެމެރިކާގެ ގިނަ ގައުމުތަކަށް ވެސް ފެތުރިފައެވެ. އަދި މިހާތަނަށް މި ބަލިޖެހިފައިވާ 4000 އަށް ވުރެ ގިނަ މީހުން ތިބިއިރު، 106 މީހުން މަރުވެފައިވާ ކަމަށް، ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

ކޮންމެއަކަސް މުޅި ދުނިޔޭގައިވެސް އޮތް އެންމެ އާބާދީ ބޮޑު ގައުމުގެ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކުރެއެވެ. އެކަމުގެ ސަބަބުން މިއަދު މުޅި ދުނިޔެ އޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ބިނާ ވަނީ ފަތުރުވެރިކަމަށެވެ. ރާއްޖެއަށް އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އަންނަ އިރު، މި އަދަދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޗައިނާއިންނެވެ. ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުކަމަށް ވާއިރު، އެގައުމުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެ އޮތް ނުރައްކާ ހީނުކުރާ ވަރަށް ވުރެ ބޮޑެވެ.

މިނުރައްކާތެރި ވައިރަހާއި ގުޅިގެން ރާއްޖެއިންވެސް ފިޔަވަޅުތަކެއް އެޅިއެވެ. ސަރުކާރުން ބުނީ އެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުމަށް ކެމެރާ ހަރުކުރުމެވެ. ނަމަވެސް މީސް މީޑިއާގައި މީހުން ހާމަކުރަމުންދާ މައުލޫމާތައް ބަލާއިރު މުޅި އެއާޕޯޓުގައިވެސް ހަރުކޮށްފައި ވަނީ މީގެ އެންމެ ކެމެރާއެކެވެ.

މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ މީހުން ބުނާ ގޮތުގައި މި ބަލި ރާއްޖެއައުން ހުއްޓުވޭނީ ޗައިނާއިން ރާއްޖެ އަށް ފަތުރުވެރިން ގެނައުން މެދު ކަނޑާލައިގެންނެވެ. އޮންއެރައިވަލް ވިސާ ދިނުން މެދު ކަނޑާލައިގެންނެވެ. ގައުމަށް ވަންނަ ފައިސާ އަށް ވުރެ ރައްޔިތުންގެ ސިއްހަތު މާ މުހިންމު ނޫންތޯ އެވެ.

ޓްވިޓާގައި ޚިޔާލުފާޅުކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ އެ ބަލި ފެތުރިދާނެތީ ޗައިނާގެ އެތެރޭގެ ދަތުރުތައް ވެސް ހަރުކަށިކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ސުވާލުކުރެއްވީ ޗައިނާގެ ޓޫރިސްޓުން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން މަނާކުރުން ކިހިނެއް ވާނެތޯ އެވެ.

"ދިވެހިން ރައްކާތެރިކުރަން، އަޅުގަނޑުމެން ވެސް އެ ގައުމުގެ ދަތުރުވެރިން ރާއްޖެއަށް އެތެރެވުން ވަގުތީކޮށް މަނާކުރުން ރަނގަޅެއް ނޫން ހެއްޔެވެ؟ ނޫނީ ޓޫރިޒަމުން އަޅުގަނޑުމެނަށް ލިބޭ ޑޮލަރުކޮޅު އަޅުގަނޑުމެންގެ ފުރާނައަށް ވުރެ މާ މުހިއްމު ހެއްޔެވެ؟،" މުއިއްޒު ލިއުއްވި އެވެ.

ފަހަރުގައި ސަރުކާރުން އެހާ ބޮޑަށް އެކަން ސީރިއަސްކޮށް ނުނަގަނީ ގައުމު އޮތް ހާލަތަށް ބަލާފައި ދައުލަތަށް ލިބިދާނެ އާމްދަނީން ގައުމު ހުއްޓުމަކަށް ހިނގައިދާނެތީ ކަމަށް ވެދާނެއެވެ. އެންމެ މީހެއް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައި ހުރިކަން އެނގުނު ނަމަވެސް މުޅި ރާއްޖެ އަނދަވަޅަކަށް ވެއްޓޭނެއެވެ. ރާއްޖެ ފަދަ ވަސީލަތްތަކާއި ޑޮކްޓަރުން މަދު ގައުމެއްގައި މިފަދަ ބައްޔެއް ފެތުރިއްޖެނަމަ ދެން ވާނެ ގޮތް ވިސްނާލަން ވެސް ނޭނގެއެވެ.

ރާއްޖެއާ އެންމެ ކައިރީގައި އޮތް އަވަށްޓެރި ސްރީލަންކާއިން އިއްޔެ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވާ ޗައިނާގެ އަންހެނެއް ފެނުމާ ގުޅިގެން އެގައުމުން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފައެވެ.

ލަންކާގެ އިތުރުން ފިލިޕީންސްއިން ވެސް ވަނީ ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފަ އެވެ. އަދި އެމެރިކާ އާއި ކެނެޑާ ފަދަ ބައެއް ގައުމުތަކުން ވަނީ ޗައިނާގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް އެދިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ، ޑަބްލިއުއެޗްއޯ އިން މި ރޯގާއަކީ ދުނިޔޭގެ ސިއްހީ ކުއްލި ހާލަތެއްގެ ގޮތުގައި އަދި އިއުލާނެއް ނުކުރެ އެވެ. މިހާރު ބަލަމުން އަންނަނީ ޗަައިނާގެ ތެރެއިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރާށެވެ. އެގޮތުން ވޫހާން އާއި އިތުރު ސިޓީތަކުން ދަތުރުފަތުރު ވަނީ ހުއްޓާލައިފަ އެވެ.

ވީމާ ރާއްޖެއިން މި ބަލި ފެނިގެން ފިޔަވަޅު އަޅަން ތިބުމަށް ވުރެ ބަލި ރާއްޖޭގެ ދޮރާށިން ވަނުމުގެ ކުރިން ސަލާމަތީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން ބުއްދިވެރިއެވެ. "ސީރިއަސް" ކަމެއް ނެތޭ ބުނެ އަތް އުރާލައިގެން ތިބޭ ވަރަށް ވުރެ މި ބަލީގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް މިދަނީ ބޮޑުވަމުންނެވެ.އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެކަން ޔަގީނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!