ކޯވިޑް-19 ދިފާޢު : ރާއްޖެއިން އިތުރު 2070 މީހުން ވެކްސިން ފުރިހަމަކޮށްފި
ރާއްޖޭގައި އިތުރު 2،000އަށް ވުރެ ގިނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 1520 މީހުންނެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖަހައިފައި ވަނީ 552 މީހުންނެވެ. މިއާ އެކު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 2،077 މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި 298 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހައިފައި ވަނީ 282 މީހުންނެވެ. މިއާ އެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 306،430އަށް އަރައިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.