ރިޕޯޓް

ނައިފަރު ، ބަންދުގައި ދެ މަސް: ކޮވިޑްގެ ހުރިހާ ނަމްބަރެއް ވެސް ބުނެދެނީ ނުރައްކާތެރި ޙާލަތު!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
4 މަރު ، ފައްސި ވޭދަނަތައް 800އިން މަތީގައި

މާލެއިން އުތުރުގެ އެންމެ އާބާދީ ބޮޑު ނައިފަރަކީ ކޮވިޑްގެ ވޭން އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއް ރަށެވެ. ކޮވިޑްގެ ފައްސި ވޭދަނައެއް އެންމެ ފުރަތަމަ އެ ރަށުން ފެނިފައި ވަނީ 23 މަރޗްގައެވެ. ކަރަންޓީނުގައި ނެތް މީހަކު ފައްސިވުމުން އެ ދުވަހު އެ ރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ. ރަށުން ފައްސިވީ އަދަދު 891އަށް އަރައިފިއެވެ. 767 މީހުން ބަލިން ފަސޭވީއިރު 120 މީހުން ހަރަކާތްތެރި ވޭދަނަ ގޮތުގައި އެބަތިއްބެވެ. މީގެ އިތުރުން ކޮވިޑް ބަލީގައި އެ ރަށުން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

Ads by STELCO

މި ހުރިހާ ވާހަކައެއް ބުނެދެނީ ހަލަބޮލި ނައިފަރުގެ މިހާރުގެ ހާލަތެވެ. އެ ރަށް އޮތް ނުރައްކާތެރި ޙާލަތާއި އެކަމުން އަރައިގަންނަން ކުރަމުންދާ މަސައްކަތް "ދެން"އާ ހިއްސާ ކޮށްދިނީ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދެވެ.

މޮނިޓަރިންގައި ދެ މަސް ، ރައްޔިތުން ދަތި ޙާލުގައި

މުޙައްމަދު ރަޝީދު ވިދާޅުވީ ރަށް ބަންދުވެފައި އޮތްނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މުޖުތަމަޢީ ފެތުރުމަކަށް ގޮސްފައި އޮތް ނައިފަރުގައި ގެއަކަށް ފަހު ގެއެއް ދަނީ ކަރަންޓީނު ކުރެވެމުންނެވެ. މި ގޮތުގައި ބައެއް ގޭގެ ކަރަންޓީނުގައި ވަރަށް ގިނަ ދުވަސް ވާންދެން ބަހައްޓަން ޖެހެއެވެ.

"އެއް ގެ އެބަހުރި 24 މަރޗްގައި ކަރަންޓީނަށްލީ ގެއެއް ވެސް ، ފުރަތަމަ ޑައިރެކްޓް ކޮންޓެކްޓްވެގެން ، އޭގެ ފަހުން ފައްސިވެގެން ، ދެން ހަމަ މީހަކަށް ފަހު މީހެއް ފައްސިވަމުން އެ ދަނީ" އެފަދަ ކިތަންމެ ގެއެއް ހުރިކަން ފާހަގަކޮށް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އެހާ ގިނަ ދުވަސް ވާންދެން ބަންދުގައި ތިބޭން ޖެހުމުން އާންމުދަނީ ލިބޭނެ ގޮތެއް ނެތި މީހުންގެ ދިރިއުޅުމަށް ދަތިވާން ފަށައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓްބިލް ނުދެއްކިގެންނާއި އެހެނިހެން ބޭނުންތައް  ނުފުއްދިގެން ގިނަ ބަޔަކު ކައުންސިލަށް އެ ވާހަކަތައް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

" ކައުންސިލްގެ ބަޖެޓުން މި ޚަރަދު ކުރަނީ ، އޭގެ ތެރެއިން ޒަރޫރީ ބޭނުންތަކުގެ ސާމާނު ހިމެނޭ ކެއަރ ޕެކޭޖްތައް ދީ ، ދެން ގޭގެ ނަރުދަމާގެ މައްސަލައެއް  ނޫނީ ހިފާ ގެންގުޅޭ އެއްޗެއް ހަލާކުވުމުން އެކަންކަން ރަނގަޅުކޮށްދިނުން ފަދަ ކަންކަން ކައުންސިލުން މި ކުރަނީ " މި މަސައްކަތްތަކަށް ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީ އެކި ގޮތްގޮތުން ލިބޭކަން ފާހަގަ ކުރައްވައި މުޙައްމަދު ވިދާޅުވިއެވެ.

މުޙައްމަދު ވިދާޅުވީ ބަންދުގެ މުއްދަތު އިތުރަށް ދިގުލައިގެން ގޮސްފިނަމަ ދަތިކަން ބޮޑުވާނޭ ކަމަށާއި މި ޙާލަތުން އަރައިގަތުމަށް ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ނައިފަރު ރައްޔިތުންގެ ކޮވިޑް ފެސިލިޓީ

ގެއަކުން އެކަކު ފައްސި ވިޔަސް ގެ އެއްކޮށް ބަންދުކޮށްގެން ތިބެން ޖެހުން ބަދަލުކޮށް ރަށް އާންމު ހާލަތަށް ގެނައުމަށް މި ވަގުތު އެންމެ މުހިންމީ ރަށުގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުން ކަމަށް މުހައްމަދު ޤަބޫލު ކުރައްވައެވެ. އެހެންކަމުން ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން މި އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

"އެއް ގެއެއްގައި އެބަތިބޭ ވިހި،ބާވީސް މީހެއް ، އެކަކު ފައްސިވެ ޑައިރެކްޓް ކޮންޓެކްޓް ވެގެން އަނެއް މީހުން ތިބެން މި ޖެހެނީ ބަންދުވެފައި ، އަނެއްކާ އޭގެން މީހަކު ފައްސިވެ އަނެއްކާ ވެސް ކަރަންޓީނު ދިގުލައިގެން އެބަދޭ، މިކަމަށް ހައްލެއް ލިބޭނީ ފެސިލިޓީއެއް ހުރެގެން" މުހައްމަދު ވިދާޅުވިއެވެ.

މުޙައްމަދު ވިދާޅުވީ ފެސިލިޓީއަކަށް އެ ރަށު ދަނާލުގެ ތިން އެޕާޓްމަންޓަކާއި ކައުންސިލްގެ އިމާރާތެއް ތައްޔާރު ކުރަމުންދާ ކަމަށާއި ހާލަތު އިތުރަށް ގޯސްވާ ނަމަ ސުކޫލުގެ އިމާރާތެއް ވެސް ބޭނުން ކުރައްވާނެ ކަމަށެވެ. ފެސިލިޓީ ގާއިމް ކުރުމަށް މިވަގުތު ކުރަމުންދާ މަސައްކަތަކީ ވަޞީލަތްތައް ހޯދުން ކަމަށާއި އެކަމާ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މުހައްމަދު ފާހަގަ ކުރެއްވިއެވެ.

"ކައިރި ރިސޯޓްތަކާ ވެސް އެބަ ވާހަކަ ދައްކަން ، އޭގެ ތެރެއިން ފުށިފަރުން އެބައޮތް އެހީވެދޭނެ ކަމުގެ ސިގްނަލެއް ދެއްވާފައި ، ދެން ސަރުކާރާ ވެސް ވާހަކަ ދައްކަމުން މިދަނީ ، އޭގެ އިތުރުން ދާއިރާގެ މެމްބަރު ވެސް އެބަ މަސައްކަތް ކުރައްވާ ސަރުކާރާ ގުޅިގެން މިކަމުގަ" މުހައްމަދު ވިދާޅުވިއެވެ.

ހަލަބޮލި ނައިފަރުގެ މަގުތައް މަތީން މިއަދު ފެންނަނީ ހަމަހިމޭން ކަމެވެ. މަސްވެރިކަމާއި އިމާރާތް ކުރުމުގެ މަސައްކަތުގެ އިތުރުން ގޭގޭގައި ކުރާ ކުދިކުދި ވިޔަފާރިތަކުގެ މައްޗަށް ބިނާވެފައި އޮތް ނައިފަރުގެ އިގްތިޞާދު މިހާރު ވަނީ ހުއްޓިފައެވެ. އާމްދަނީ ހޯދޭނެ ގޮތެއް ނެތި ދުވަސްތައް އިތުރުވާން ފެށުމުން ރައްޔިތުން ދަނީ ބިކަވަމުންނެވެ. އެ ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން ކުރާ މަސައްކަތަކީ މި ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތެވެ. އެންމެންގެ ދުޢާއަކީ އާންމު ޙާލަތަކަށް ރުޖޫޢަވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!