ޣައްޒާ އާރާސްތު ކުރަން ދޭ ފައިސާގެ އެހީއާ ހަމާސްއިން ނުބެހޭނެ
އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން އިސްރާއީލަށް ދިން 11 ދުވަހުގެ ހަމަލާގައި ޣައްޒާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދުނިޔޭގެ ޖަމިއްޔާތަކުންނާއި ސަރުކާރުތަކުން ދޭ އެހީ، ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާޢަތުން ނުބެހޭނެ ކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ.
ހަމާސް ޖަމާއަތުގެ ސިޔާސީ ވިންގްގެ ވެރިޔާ ޔަހްޔާ ސިންވާރް ވިދާޅުވީ، ޣައްޒާ އާރާސްތު ކުރަން ޤައުމުތަކުންވާ އެހީއަކީ ސީދާ ޣައްޒާގެ ރައްޔިތުންނަށްވާ އެހީއެއް ކަމަށެވެ. އަދި އެ ފައިސާ ސީދާ ޚަރަދު ކުރާނީ ޣައްޒާގެ ރައްޔިތުން ކަމަށާއި އެފައިސާ ޚަރަދު ކުރާ ގޮތް ބެލުމުގެ ފުރުސަތު ބައިނަލް އަޤްވާމީ ޖަމިއްޔާތަކަށް އަރުވާ ކަމަށެވެ. އަދި ހަމާސް ޖަމާއަތުން މީގެ ކުރިން ވެސް ޣައްޒާއަށް ދޭ އެހީގައި ޖެހިފައި ނުވާނެ ކަމަށާއި އަދި އެކަން ދުވަހަކު ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިންވާރް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންޓޮނީ ބްލިކިންގް ޣައްޒާއާށް އެހީތެރިވުމަށް އެޤައުމުން ނިންމާފައިވާ ކަަމަށާއި ނަމަވެސް، ހަމާސް ވަރުގަދަ ކުރުމަށް މި އެހީ ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ، އެމެރިކާއިން ޣައްޒާ އާރާސްތު ކުރުމަށް އެހީވުމަށް ނިންމައިފައިވާ ކަމަށާއި ނަމަވެސް އެކަން ކުރާނީ ހުޅަނގު އައްސޭރީގައި ވެރިކަން ކުރަމުން އަންނަ ފަލަސްތީނިއަން އޮތޯރިޓީ މެދުވެރިކޮށް ކަމަށެވެ. އެމެރިކާ އަދި ޔޫއެން އިން ޤަބޫލު ކުރާ ގޮތުގައި ހަމާސްއަކީ ނިރުބަވެރި ޖަމާއަތެކެވެ. ނަމަވެސް ހަމާސްއިން މިވީހާތަނެއްގައި މަސައްކަތްކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި، އެމީހުންގެ ހައްޤުތައް ދިފާއު ކުރުމަށެވެ.
ސިންވާރް ވިދާޅުވީ، އެމެރިކާއިން ފައިސާގެ އެހީތެރިކަން ފަލަސްތީނިއަން އޮތޯރިޓީ މެދުވެރިކޮށް ދޭން ނިންމައިފައިވަނީ ހަމާސް އާ ފަލަސްތީނިއަން އޮތޯރިޓީ ދެމެދު އޮންނަ ގުޅުމަށް ބުރޫ އެރުވުމުގެ ގޮތުން ކަމަށާއި ނަމަވެސް އެކަން އެމެރިކާއަށް ކާމިޔާބު ނުވާނެ ކަމަށެވެ.
"އަހަރެމެންގެ މީހުންނާ، އަހަރެމެން ޖައްސަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ، އިންޝާﷲ." ސިންވާރް ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލާގައި ޖުމްލަ 266 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.