މެދުއިރުމަތި ދުނިޔެ

މިނިވަން ދައުލަތެއް އުފައްދަން އަބަދުވެސް އެހީތެރިވާނެ ކަމަށް ބުނެ ޤަތަރުން 500 މިލިޔަން ޑޮލަރުގެ އެހީ ޣައްޒާއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއިލުގެ އިސްތިޢުމާރީ ސިފައިން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލާގައި ލިބުނު ގެއްލުންތަކެއް އަރައިގަނެ ޣައްޒާ އާރާސްތު ކުރުމަށް ޤަތަރުން 500 މިލިޔަން ޑޮލަރުގެ އެހީތެރިކަން ދީފިއެވެ.

Ads by Sosun Fihaara

ޤަތަރުގެ ފޮރިންގް މިނިސްޓަރ ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޣާއްޒާއާ އެކު ޤަތަރުން އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި ފަލަސްތީނުން މިނިވަން ދައުލަތެއް އުފެއްދުމުގައި ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިކަން ޤަތަރުން ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ޤަތަރުން މީގެ ކުރިން ވެސް ވަނީ ޣައްޒާއަށް އެތައް މިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އިސްރާޢީލާ ދެމެދު އޮންނަ މައްސަލަތަކަށް ހައްލު ހޯދުމަށް މެދުވެރިއެއްގެ ރޯލް ޤަތަރުން އަދާ ކުރަމުން ދެއެވެ.

މިނިސްޓަރ ޝެއިޚް މުޙައްމަދު ވިދާޅުވީ، އެހީގެ ގޮތުގައި ދޭ ފައިސާ ޚަރަދު ކުރާނީ އާއްމު ޚިދުމަތްތައް ދިނުމަށް ހަދާފައިވާ އިމާރާތްތައް ހެދުމަށް ކަމަށެވެ. އަދި ހަމަލާތަކުގައި ގެތައް ހަލާކުވެގެން ދިޔަ ފަރާތްތަކަށް އައު އިމާރާތް އަޅައިދިނުމަށް ވެސް ޚަރަދު ކުރައްވާނެ ކަމަށް ޤަތަރުން ވިދާޅުވިއެވެ.

މި މަހު އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކަކީ މިދިޔަ 5 އަހަރުގެ ތެރޭގައި ވެސް ކުރެވުނު އެންމެ ބޮޑު ހަނގުރާމައެވެ. އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާގެ 256 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތައް ފެށެން މެދުވެރިވީ އިސްރާއީލުން ޤުދުސްގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކެވެ. މިގޮތުން ރޯދަ މަހުގެ ތެރޭގައި މަސްޖިދުލް އަޤްޞާއަށް ވަދެ އެތަނުގައި ނަމާދު ކުރަން ތިބި މީހުންނަށް އިސްރާއީލްގެ ސިފައިން ވަނީ އަނިޔާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!