އިނގިރޭސި ވިލާތުގައި އިންޑިއާ ވޭރިއަންޓް ވަކި ހިއްޕައިލައިފައި، 75 އިންސައްތަ މީހުންނަށް ޖެހެނީ މި ވޭރިއަންޓް
އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ ކޮވިޑް-19ގެ އިންޑިއާ ވޭރިއަންޓްކަމަށް އެޤައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ޕަބްލިކް ހެލްތުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، އެޤަައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފައެވެ. މިގޮތުން، މިދިޔަ ހަފްތާގައި އެޤައުމުން ފައްސިވި މީހުންގެ ރޭޓް ތިން ހާހުގައި އުޅުނު އިރު، މިހާރު އެ ރޭޓް ވަނީ 6 ހާހަށް އަރައިފައެވެ.
ސެކްރެޓަރީ ހެންކޮކް ވިދާޅުވީ، ލޮންޑައުންއަށް ދިން ލުއިތަކާ އެކު އިނގިރޭސި ވިލާތުގައި ކޮވިޑް-19 ކޭސްތައް އިތުރުވާނެ ކަމަށް މީީގެ ކުރިން ވެސް ލަފާކޮށްފައިވާނެ ކަމަށާއި މި ވަގުތު އެޤައުމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ގިނަ ބަޔަކު ވެކްސިން ޖަހާފައި ވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑް-19 އާ ގުޅިގެން އިނގެރޭސިވިލާތުގައި އަޅައިފައިވާ ގިނަ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައި ވަނީ އެޤައުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކަށް ޖޫން 21 ވަނަ ދުވަހު ލުއި ދޭނެ ކަމަށެވެ.
މިހާތަނަށް އިނގިރޭސި ވިލާތުގެ 45.6 އިންސައްތަ މީހުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. އެއީ ގާތްގަނޑަކަށް 24 މިލިޔަން މީހުންނެވެ.