ދީން

މޯނިންގ ވިއުގެ އަލިފާނުގެ ހާދިސާ: މުޅި ގެ އަނދައި އަޅިއަށްވީއިރު ހަތިމު އޮތީ ނުއަނދާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ 27 ވަނަ ދުވަހުގެ ފަތިސް ލިބުނު ހިތާމަވެރި ޚަބަރަކީ، މާލޭގެ ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، މުޅި ގެ އެއްކޮށް އަނދައި ހުލިވި ޚަބަރެވެ.

Ads by STELCO

އަލިފާން ރޯވި ގަޑީގައި ކަމެއް ހިނގައިގެން އުޅޭކަން އެ ގޭގެ ބައެއް މީހުންނަށް ވެސް ރޭކާލީ ނިދައިފައި ތިއްބާ ހޫނުވާން ފެށުމުންނެވެ. ފަސް ފަންގިފިލާ ހިމެނޭ މޯނިންގވިއު، އެ ދުވަހުގެ ހެނދުނު އިރު އެރި އިރު ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަލިފާނުގެ އެ ހިތާމަވެރި ހާދިސާގައި ހުރިހާ ސާމާނެއް އަނދާ އަޅިއަށްވި އިރު، މާތް ﷲ ކަލާމްފުޅު (މުސްޙަފް)ގެ ގަނޑުތަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ.

މުސްޙަފަށް އެއްވެސް ގެއްލުމެއް ނުވާކަން ދައްކުވައިދޭ ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިއީ އެ ހާދިސާއާއި ގުޅިގެން ނަގާފައިވާ ފޮޓޯއެއްކަން އެ ގޭގައި ދިރިއުޅުނު އާއިލާގެ މެމްބަރަކު ވަނީ "ދެން" އަށް ކަށަވަރު ކޮށްދީފައެވެ.

މުޅިއެކު 56 މީހުން ދިރިއުޅޭ މއ. މޯނިން ވިއުގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާން ރޯވެ، މުޅި އެޕާޓްމަންޓަށް އަލިފާންގަނޑު ފެތުރުނެވެ.

އެ ގޭގައި މީހުން ކުއްޔަށް ދިރި އުޅެމުން ދިޔައީ ފަސް ވަނަ ފަންގިފިލާއާއި ތިން ވަނަ ފަންގިފިލާގައެވެ. ދެން ހުރި ފަންގިފިލާތަކުގައި ދިރިއުޅެނީ ގޭ ވެރިފަރާތުގެ އާއިލާގެ މީހުންނެވެ.

އެ ރޭ ފަތިހު، 4:40 ހާއިރު ގޭގައި ރޯވި އަލިފާންގަނޑު، ނިއްވައި ލެވުނީ އެ ދުވަހުގެ ހެނދުނު 7:00 ހާއިރެވެ. އޭރު އެ ގޭގައި ހިފައި ގެންގުޅޭ ސާމާނު ހަލާކުވެ، ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. ލާން ގެންގުޅުނު އަންނައުނުކޮޅުގެ ތެރެއިން ވެސް ސަލާމަތުން ހުރީ، އެ މީހުން އެ ވަގުތު ލައިގެން ނިކުތް ހެދުން އެކަނިކަން އެނގިފައިވެއެވެ.

ސަރުކާރުން މިވަގުތު ވަނީ އެ މީހުންނަށް ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވައިފައެވެ.

އެ އާއިލާގެ މެމްބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އަލިފާނުގެ މި ހާދިސާގެ ސަބަބުން އެ މީހުންގެ ދިރިއުޅުން އަލުން ފަށަން ޖެހޭ ވަރަށް ވަނީ ގެއްލުން ވެފައެވެ. އެގޮތުން އެ މީހުން ދިރިއުޅެމުން އައި ގެ އިމާރާތް ކުރަން ވެސް ތިން މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވެއެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ފްރިޖާއި މެޝިން އަދި ލެޕްޓޮޕާއި ފޯނު ފަދަ ސާމާނު ވެސް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް އާއިލާގެ މެމްބަރަކު ބުނެފައި ވެއެވެ.

  1. ރަށުމީހާ

    މާތް ﷲ ކަލާމްފުޅު (މުސްޙަފް) ރައްކައުތެރި ކުރައްވާނެކަމާމެދަކު ޝައްކެއް ނެތް. އެހެންނަމަވެސް ބައެއް މުސްޙަފް ތައް ޗާޕުކުރެވިފައި ވަނީ އަލިފާން ނުހިފާ ޒާތުގެ ކަރުދާހުގައިކަންވެސް ފާހަގަކޮށްލަން.