ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ މައުލޫމާތު ހިއްސާކުރަން ހުޅުވައިލައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ހިންގާ އިންކުއަރީއާ ގުޅިގެން މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މަޖިލީހުން މިއަދު ވިދާޅުވެފައި ވަނީ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރުމަށް ސިފައިންނާއި ފުލުހުންނަށް ހުޅުވައިލައިފައިވާ ކަމަށާއި ކޮމިޓީގެ އީމެއިލް މެދުވެރިކޮށް މި އިންކުއަރީއަށް މައުލޫމާތު ހުށައެޅުމުގެ އިތުރުން ކޮމިޓީގެ މޯބައިލް ނަމްބަރު 7798798އަށް ވެސް މައުލޫމާތު ފޮނުވޭނެ ކަމަށެވެ.
މަޖިލިސް އިދާރާއިން އިތުރަށް ވިދާޅުވެފައި ވަނީ މައުލޫމާތު ފޮނުވާ ފަރާތުގެ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، އެކަން ފާހަގަ ކުރުމަށެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރާނެކަމުގެ ޔަގީންކަން ވެސް މަޖިލިސް އިދާރާއިން އަރުވައިފައިވެއެވެ.
މަޖިލީހުން ވަނީ މީގެ ކުރިން މި އިންކުއަރީ އަށް ހާޒިރުކުރާ ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންގެ ވަޒީފާއަށް އަސަރުކުރާ ފަދަ ފިޔަވަޅެއް ނޭޅުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.