ރަހީނުކޮށް އަނިޔާ ލިބުނު ކުޅުދުއްފުށީ މީހާ އަދިވެސް ވެންޓިލޭޓަރުގައި

ހދ. ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާ ލިބުނު ޒުވާނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށާއި، އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އެ އާއިލާއިން ބުނެފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހީނު ކުރީ ކުޅުދުއްފުށި/ރަތްފުސްގެ، އަހްމަދު އިބްރާހީމްއެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަހުމަދު އިބްރާހިމް ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކުރުމުން، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަހްމަދު އިބްރާހީމްގެ ބައްޕަ އިބްރާހިމް ހުސައިން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އިބްރާހިމް ބުންޏެވެ.
އަހުމަދު ރަހީނުކޮށް އަނިޔާކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އޭނާއަށް އަނިޔާކުރީ ކޮން ބައެއްކަމެއް ވެސް އާއިލާއަށް ނޭނގޭ ކަމަށް އިބްރާހިމް ބުނެފައިވެއެވެ.