ދުނިޔެ

ނަތަންޔާހޫއަށް ފަހު އަނެއްކާ ވެސް އިސްރާއީލުގެ ބޮޑު ވަޒީރަކަށް މުސްލިމުންގެ ދުޝްމިނެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ އިދިކޮޅުން ސަރުކާރެއް އުފައްދައި ، ބެންޖަމިން ނަތަންޔާހޫގެ ދިގު 12 އަހަރުގެ ލާއިންސާނީ ވެރިކަން ނިންމައިލުމަށް ކުރަމުންދާ މަސައްކަތަށް ބޭރުގެ މީޑިއާތަކުގެ އިތުރުން ރާއްޖޭގެ މީޑިއާތަކުގެ ވެސް ނަޒަރު ހުއްޓުނެވެ. އެއާ އެކު ނަފްތާލީ ބެނެޓް ވެގެން ދިޔައީ ވަރަށް މުހިންމު ނަމަކަށެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ކަމާ ހަވާލުވާން ހުންނެވި މީހާއަށް ވީމައެވެ. އެހެން ނަމަވެސް ނަފްތާލީ ބެނެޓްއަކީ ކާކު ހެއްޔެވެ؟ އޭނާ އިސްރާއީލްގެ ވެރިކަމަށް އައުމުން ފަލަސްތީނަށް ލިބިގެންދާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނޫނީ އެއީ ފަަލަސްތީނަށް ލިބޭނެ އިތުރު ނިކަމެތި ކަމެއް ހެއްޔެވެ؟

Ads by Sosun Fihaara

8 ޕާޓީއެއް - 8 ސިޔާސަތެއް

އިސްރާއީލުންގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގެންގުޅެމުން އަންނަ ސިޔާސަތުގެ ސަބަބުން ނަތަންޔާހޫއަށް އެޤައުމުގައި އޮތް ތަރުހީބު ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ. މިގޮތުން އޭނާގެ ވެރިކަމުގެ އެންމެ ފަހު ދެ އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އިންތިހާބު ބާއްވައިގެން ވެސް، ސަރުކާރު ދެމެހެއްޓޭ ވަރުގެ އަޣްލަބިއްޔަތެއް، އޭނާގެ ލިކުޑް ޕާޓީއަކަށް ނުލިބުނެއެވެ. އިދިކޮޅު ގިނަ ޕާޓީތަކެއް އެއް ގަލަކަށް އަރައި އިސްރާއީލުގައި އެހެން ސަރުކާރެއް އެކުލަވައިލާން ނިންމީ އިތުރު އިންތިޚާބަކަށް ދާން ބޭނުން ނުވާތީއެވެ. ނަމަވެސް ޕާޓީގެ ތަކުގެ ޚިޔާލު ވަރަށް ތަފާތެވެ. 8 ޕާޓީއަކުން ކޯލިޝަނެއް ހެދިއިރު، 8 ޕާޓީއަކީ 8 ފިކުރެވެ. އެހައި ވެސް ޚިޔާލު ތަފާތެވެ. ފަަލަސްތީނުގެ ޤާނޫން ހަދާ މަޖިލިސް ކްނެސެޓްގައި ހަފްތާއެއްގެ ތެރޭގައި އައު ސަރުކާރަށް ރުހުން އޮތްތޯ ބަލާނެއެވެ. ރުހުން ލިބިއްޖެ ނަމަ ވެރިކަން ކުރާނީ 2 ދައުރަކަށް ބަހައިލައިގެންނެވެ. މިގޮތުން ފުރަތަމަ ދެ އަހަރު ބޮޑުވަޒީރުކަން ކުރާނީ ޔަމިނާ ޕާޓީގެ ލީޑަރު ނަފްޓާލީ ބެނެޓްއެވެ. އެއަށް ފަހު ދެން ވެރިކަން ފުރިހަމަ ކުރާނީ ޔައިރް ލިޕިޑްގެ ލީޑަރ ޔީޝް އަޓިޑްއެވެ. ޔީޝް އަޓިޑް ވެރިކަމާ ހަވާލު ވާނީ 27 އޯގަސްޓް 2023 ގައެވެ. މި 8 ޕާޓީން ކްނެސެޓްގައި ހޯދައިވާ ގޮނޑިތަކުގެ އަދަދު ތިރީގައި އެވަނީއެވެ.

  • ޔައިރު ލިޕިޑް - 17 ގޮނޑި
  • ކަހޮލް ލަވަން - 8 ގޮނޑި
  • އިސްރާއިލް ބީޓީނޫ - 7 ގޮނޑި
  • ލޭބާރ - 7 ގޮނޑި
  • ޔަމީނާ - 7 ގޮނޑި
  • ނިއު ހޮޕް - 6 ގޮނޑި
  • މެރެޓްޒް - 6 ގޮނޑި
  • ރާމް - 4 ގޮނޑި

ނަފްތާލީ ބެނެޓްގެ ވިސްނުން - އިސްރާއީލަކީ ފަލަސްތީނެއް ނޫން

ނަފްތާލީ ބެނެޓްއަށް ކްނެސެޓްއިން 7 ގޮނޑި ކާމިޔާބު ކުރެވުނަސް، އޭނާއަކީ އިސްރާއީލްގެ ސިޔާސީ މަޝްރަހްގައި ބާރުގަދަ މީހެކެވެ. ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މެދުމިނުގެ ސެކިއުލާ ހިޔާލާތުގެ ޔައިރް ލިޕިޑްއަށް ސަރުކާރެއް އެކުލަވައިލުމަށް އެންމެ ބޮޑު ބާރަކަށްވީ ނަފްތާލީ ބެނެޓްއެވެ. ދައުރުގެ އެއްބައި އޭނާއާ ހަވާލު ކުރީ އެހެންވެއެވެ.

ޔައިރް ލެޕިޑްގެ ވިސްނުން ފަލަސްތީނު އަދި އިސްރާއީލްގެ މައްސަލަ ހައްލު ކުރުމަށް ހުރި ނަމަވެސް، ނަފްތާލީގެ ވިސްނުން ވަރަށް ތަފާތެވެ. އޭނާއަކީ ހަރުކަށި ފިކުރުގެ ޔަހޫދީއެވެ. އަދި އިސްރާއީލަކީ ހަމައެކަނި ޔަހޫދީންގެ ބިމެއް ކަމަށް ބުނަމުން އަންނަ ޒައިނިސްޓެކެވެ.

"ނަތަންޔާހޫގެ ނިމިދިއުމާއި ފަލަސްތީނަށް އުފާވެރިކަން، އެކަމަކު ބެނެޓް ދެކެ ބޮޑަށް ބިރުގަނެފައި"

މަތީގައި އެވާ ސުރުޚީއަކީ އިސްރާއީލްގެ ދެވަނައަށް އެންމެ ބޮޑު ނޫސް، ޓައިމްސް އޮފް އިސްރާއީލްގެ ވެރިކަމާ ގުޅޭ ގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ނުތަނަވަސްވާން ޖެހޭ ކަމަށް ބުނެ ލިޔެފައިވާ ލިޔުމެއްގެ ސުރުޚީއެވެ. އެ ލިޔުމުގައި ބެނެޓް މީގެ ކުރިން ދައްކައިފައިވާ ބައެއް ވާހަކަތައް ހިމަނައިފައިވެއެވެ.

މިގޮތުން 2012 ވަނަ އަހަރު ބެނެޓް އާއްމު ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ފަލަސްތީނާ އެކު ސުލްހައިގެ އެއްބަސްވުމެއް ނުހެދޭނެ ކަަމަށާއި އެއީ ކުރަން ޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ބަައި ރަސްމީކޮށް އިސްރާއީލްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަަޅަން ޖެހޭ ކަމަށް އޭނާ ދެކެއެވެ. އޭނާ ބުނާ ގޮތުން އެސަރަހައްދުގެ ފެނުގެ ކޮންޓްރޯލް އިސްރާއީލަށް ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ސަލާމަތީ ސަބަބުތަަކަށް ޓަކައި އެސަރަހައްދުގައި ވީހާވެސް ގިނަ ޔަހޫދީން ވަޒަންވެރިކޮށް، އިސްރާއީލްގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅަން ޖެހެއެވެ.

އޭނާ ބުނާ ގޮތުގައި، ޣައްޒާގައި އުޅޭ ރައްޔިތުންނާއި ހުޅަނގު އައްސޭރީގައި އުޅޭ ރައްޔިތުންނާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރުމަކީ ވެސް މަނާ ކުރަން ޖެހޭ ކަމެކެވެ. ޣައްޒާ ކޮންޓްރޯލް ކުރަނީ ހަމާސްއިން ކަމުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުންގެ ތެރެއަށް ހަމާސްގެ ވިސްނުން ގޮސްދާނެ ކަމަށް އޭނާ ބުނެއެވެ. އަދި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އޭނާ ދެކޮޅެވެ. ސީދާ ބަހުން އެހެން ނުބުންޏަސް އޭނާގެ ވާހަކަތަކުން އޭނާގެ ވިސްނުމަކީ އެއީކަން ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ މީހުން މަރަން ޖެހޭ ކަމަށް 2013ވަނަ އަހަރު އޭނާ ވަނީ އާއްމުގެ މަޖިލީހެއްގައި ބުނެފައެވެ. އަދި ފަލަސްތީނުގެ މީހުންނަކީ ޓެރެރިސްޓުން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރު، ޣައްޒާގެ ކުޑަކުދިން މެރުމަށް ވެސް އޭނާ ވަނީ ހިތްވަރު ދީފައެވެ. މި ގޮތުން ބުނެފައި ވަނީ ޣައްޒާގެ ބޯޑަރު ހުރަސްކޮށް އަންނަނީ ކުޑަކުދިންނެއް ނޫން ކަމަށާއި އެއީ ޓެރެރިސްޓުން ކަމަށެވެ. އަދި އެއީ ކުޑަކުދިން ގޮތުގައި ބަލަން ނުޖެހޭ ކަމަށާއި ޓެރެރިސްޓުންނަށް އޮންނާނީ މެރުމުގެ ހުކުމްކަމަށް އޭނާ ބުނެފައިވެއެވެ. ނަފްތާލީ ޤަބޫލު ކުރާ ގޮތުގައި ފަލަސްތީނުގެ ދަޢުލަތެއް އުފެއްދުމަކީ ވާނެ ކަމެއް ނޫނެވެ. އަދި ދައުލަތެއް އުފައްދަން ފަލަަސްތީނަށް ހުއްދަ ދީފިނަމަ، އެކަމުގެ ސަބަބުން 200 އަހަރު ފަހުން ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

އުމުރުން 49 އަހަރުގެ ނަފްތާލީ ބެނެޓަކީ އެމެރިކާގެ ސޭން ފްރެންސިސްކޯއިން އިޒްރޭލަށް ހިޖުރަ ކުރި ޔަހޫދީ ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާއަކީ މީގެ ކުރިން ޓެކް ކުންފުންޏެއްގެ ވެރިއެކެވެ. އެ ކުންފުނި ބޮޑު އަގުގައި ވިއްކައިލުމަށް ފަހު 2005ވަނަ އަހަރު ސިޔާސީ މައިދާނަަށް ނުކުތެވެ. ބެނެޓްގެ ސިޔާސީ ހަޔާތުގައި ބޮޑު ވަޒީރު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފްކަން ވަނީ އަދާކޮށްފައެވެ. އަަދި އެޑިއުކޭޝަން މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް އޭނާ ކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!