ލައިފްސްޓައިލް

ކޮރޯނާ ވައިރަހުން ރައްކާތެރިވާނީ ކިހިނެއް؟

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީ އިން ފެނުނު ނުރައްކާ ބައްޔެއް ކަމަށްވާ "ކޮރޯނާ" ވައިރަސް މިހާރު ދަނީ ހަލުވިކަމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ. ކޮރޯނާ ވައިރަހަކީ، އަދި މިހާތަނަށް ފަރުވާ ހޯދިފައިނުވާ ބައްޔެކެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ދަނީ މިބަލީގެ ފަރުވާ ވީހާވެސް އަވަހަކަށް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara

މިހާތަނަށް ކޮރޯނާ ވައިރަސް ވަނީ އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު، ނޭޕާލް، ސިންގަޕޫރު ހޮންކޮން، މަކާއޯ، ދެކުނު ކޮރެއާ އަދި މެލޭޝިއާ އިން ވެސް ފެނިފައިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ޗައިނާއިން އެކަނިވެސް ކޮރޯނާ ވައިރަސް ޖެހިގެން ވަނީ 170 މީހުން މަރުވެފައެވެ. މީގެ އިތުރުން ޗައިނާގައި ވަނީ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7700 އަށް އަރާފައެވެ.

ވޫހާން ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި، ހިކި ކޮށް ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި، ބޭރަށް ހިންގުމާއި، ނިއުމޯނިއާ އަދި ކިޑްނީ ފެއިލްވުން ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮރޯނާ ވައިރަހާއި ބެހޭ ގޮތުން ތައްޔާރުކުރި ރިސްކް އެސެސްޓެމެންޓުން ދައްކާ ގޮތުގައި ރާއްޖެއިން މި ބަލި ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ހަށިގަނޑު މި ނުރައްކާތެރި ބަލިން ރައްކާތެރިކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރު ވަރަށް މުހިންމު ކަމެއްގައި ނޫނީ ޗައިނާއަށް ދަތުރު ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. ކޮންމެހެން މުހިންމު ދަތުރެއްގައި ދާ މީހުންވެސް ދޫނިސޫފާސޫފި، ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދި އުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، އެ ބަލި ޖެހިފައިވާ މީހަކާއި އެހާ ގައިގޯޅިކޮށް ނޫޅުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް ނޫޅުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމެވެ.

ޗައިނާއަށް ދަތުރު ނުކުރާ މީހުންވެސް، އެމީހަކު ދިރިއުޅޭ ތަނެއްގައި ހުރެގެން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ. އެގޮތުން، އާއްމު ސާފުތާހިރުކަމަށް އިސްކަމެއް ދިނުން ހިމެނެވެ. ގިނައިން ސައިބޯނި ލައިގެން އަތްދޮވެ ހެދުމާއި، މީހުން ގިނަ ތަންތަނަށް ދާނަމަ މާސްކް ފަދަ އެއްޗެހި އެޅުންވެސް ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ކައިރީގައި ނޫޅުންވެސް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. ކޮރޯނާ ބަލި ކަަމަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހަށިގަނޑުން ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުންވެސް ވަރަށް މުހިންމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!