ޚަބަރު

ސީޕީ ހަމީދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން ސިއްރު!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޯރުކޮށްދެމުން ދިޔަ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރު ކުރި ބައްދަލުވުން ސިއްރުކޮށްފިއެވެ.

Ads by MWSC

މި ބައްދަލުވުން މިހާރު ކުރިޔަށްދާއިރު، ސީޕީ ހަމީދަކީ މި ކޮމިޝަނަށް ހާޒިރު ކުރި ފުރަތަމަ ފަރާތެވެ. ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ހާޒިރުވުމަށް ސީޕީ ހަމީދު ހިމެނޭހެން އިތުރު ފުލުހުންނަށް ވެސް ވަނީ ނޯޓިސް ދީފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.

މިހާރު މަޖިލީހުން ކުރިޔަށް ގެންދާ އެ އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީއިން ވަނީ ބުނެފައެވެ. އެއީ

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބައިތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނެގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނެގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނެގަތުން.

އެ އިންކުއަރީ އަށް ސިފަައިން ވެސް ހާޒިރު ކުރަން ނިންމާފައި ވަނިކޮށް އެމްއެންޑީއެފް އިން ބުނެފައި ވަނީ އެ މުވައްސަސާގެ ފަރާތުން ވަކިވަކި ސިފައިން ކޮމެޓީއަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާއިން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!