މާރާމާރީގައި ހަސަންގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި ވަނީ ކޮށްފައެވެ. އޭޑީކޭގައި މިހާރު ވެސް އޭނާއަށް ފަރުވާ އެބަދެއެވެ.
ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް
ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ކުޅުދުއްފުށީގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހިނގި ހާދިސާއާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކެވެ. އަދި ރޭގައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވެއެވެ. މި ދެ މީހުންގެ ކުރިން އުމުރުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން މިދިޔަ ހޯމަ ދުވަހު ހައްޔަރު ކޮށް، އެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފައި ވެއެވެ.
ރަހީނުކޮށް އެމީހާ އެރުވި ކާރު ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޒަހަމް ކޮށްލައިފައި ވަނީ ކުޅުދުއްފުށީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަސަން ރަހީނުކޮށް، ޒަހަމްކޮށްލީ ވައްކަމުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.
އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފައެވެ.