ތިނަދޫން އިތުރު 20 މީހުން ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 300 އާ ގާތަށް

ގދ. ތިނަދޫން އިތުރު 20 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ތިނަދޫން މިހާރު 289 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 106 މީހުން އެބަތިއްބެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 181 ސުންކެއް ވެއެވެ.
މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 183 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.