ދިރާގުން ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަކޮށް، ޒޫނާ ބްރޭންޑް އެމްބެސެޑަރކަމަށް ހަމަޖައްސައިފި
ދިރާގުން މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ވަރޗުއަލް ހަފުލާއެއް ބާއްވައި، ޒޫނާ ނަސީމް ބްރޭންޑް އެމްބެސެޑަރއެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ޒޫނާ ނުވަތަ އާންމު ނަމުން ނަމަ ޒޫންޓިއަކީ ރާއްޖޭގއ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑައިރެކްޓަރެވެ. މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު އޭނާ ވަނީ ޚިދުމަތް ކުރައްވައިފައެވެ. މީގެ އިތުރުން ޒޫނާއަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތްކުރާ ޚިދުމަތްތެރިއެކެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއީލް ރަޝީދު ވިދާޅުވީ ކެއަރ ފޯ ދި އޯޝަންސްއަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށާއި، މި ޚާއްސަ ދުވަހު ދިރާގުގެ ބްރޭންޑް އެމްބެސެޑަރއެއްގެ ގޮތުގައި ޒޫނާ ނަސީމް ފަދަ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރެއް ގުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށް، ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވައިލުމަށް އެ ކުރައްވާ މަސައްކަތް އިހަށް ވުރެ ބާރަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒޫނާ ނަސީމްގެ ވާހަކަފުޅުގައި ވިދާޅުވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރއަކަށް ވުމަކީ ލިބިގެންދާ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށާއި، މިއަދު ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.
”އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ އޭގެ ނުހަނު ނޭދެވޭ އަސަރު ކުރަމުން. ދިރާގު ބްރޭންޑް އެމްބެސެޑަރގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާ އެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑުމެންގެ ކަނޑުތައް އަޅުގަނޑުމެންގެ ދަރިންނާއި ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެކުގައި މަސައްކަތް ކުރާނަން" ޒޫނާ ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއަރ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައި ވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅު އަޅައި މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީ ވެސް ދިރާގެވެ.
އަދި ހަމަ އެހެންމެ ރައްކާތެރިކަމާއެކި ޕީ.ޕީ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ނައްތައިލުމުގެ މުހިންމު ކަމާ ބެހޭގޮތުން ވެސް ދިރާގުން މިދިޔަ އަހަރު ވަނީ ހޭލުންތެރިކަން ފޯރުކޮށްދީފައެވެ.
މި އަހަރު ދިވެހި ސަރުކާރުން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނައްތައިލުމަށް އަޅުއްވާފައިވާ ފިޔަވަޅަކީ ދިރާގުން އެކަމަށް ނުހަނު އުފާކުރާ ކަމެކެވެ. ދިރާގުން ބްރޭންޑް އެމްބެސެޑަރ ޒޫނާއާ އަކީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވައިލާ، މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ވެސް އަމަލީގޮތުން ޝާމިލުވެ ބައިވެރިވާން ދިރާގުން އޮތީ ތައްޔާރަށެވެ. އެހެނީ މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ވުމެވެ.