ޚަބަރު

ވުހާންގައި ތިބި ދިވެހިން ސީދާ ރާއްޖެ ނުގެންނަ ގޮތަށް ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހި ކުދިން ގެންނާނީ ސީދާ ރާއްޖެއަށް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ ޝާހިދު އެފަދައިން ވިދާޅުވީ، މިއަދު ފޮރިން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ޗައިނާގައި 69 ދިވެހިން އެބަ ތިބި ކަމަށާއި ވުހާން ސިޓީގައި ތިބީ ނުވަ ދިވެހިން ކަމަށެވެ.

ވުހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ރާއްޖެ އެނބުރި އައުމަށް އެދިފައިވަނީ ހަތް ދިވެހިން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރަހުމަތްތެރި ގައުމުތަކާއި މަޝްވަރާކޮށްގެން، އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހަތް މީހުން ވުހާން ސިޓީން ނެރެގެން ސީދާ ރާއްޖެއަށް ނުގެންނާނެ ކަންވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުން ލަސްތަކެއްނުވެ އެ ސިޓީން ނެރެވޭނެ ކަމަށާއި އެކަން ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރައިފައެވެ. މިހާތަނަށް 7،711 މީހުންނަށް ވަނީ އެ ވައިރަސް ޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!