ޚަބަރު

ފުލް ލޮކްޑައުނަކަށް ދިޔަ ނޭކުރަންދޫގެ ހާލަތު ރަނގަޅުވެ، މިއަދުގެ މެންދުރު ނަމާދު ވަގުތުން ފެށިގެން ލުއިދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފުލް ލޮކްޑައުނަކަށް ދިޔަ ހދ. ނޭކުރެންދޫގެ ހާލަތު ރަނގަޅުވެ، މިއަދުގެ މެންދުރު ނަމާދު ވަގުތުން ފެށިގެން ލުއި ދީފިއެވެ.

Ads by MWSC

އެގޮތުން އެ ރަށު ކައުންސިލުން ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ:

▪︎ ކަރަންޓީނު ކޮށްފައިވާ ގެތައް ފިޔަވައި އެހެން ގެތަކަށް ވަލަށް ދިޔުމަށް ހުއްދަ ދޭ ގޮތަށް ހަމަޖެއްސުން.
މިގޮތުން ހުއްދަދީފައި ވަނީ ފަތިހު 5:30އިން ހެނދުނު 8:00 އާ ހަމައަށެވެ. ވަލަށް ދެވޭނީ ކައުންސިލުން ދޫކޮށްފައިވާ ފާސް ހިފައިގެން ގެއަކުން އެންމެ މީހަކަށް ކަމަށް ބުނެފައި ވެއެވެ.

▪︎ ކަރަންޓީނު ކޮށްފައި ހުރި ގެތައް ފިޔަވައި އެހެން ގެތަކަށް ވިޔަފާރިކުރުމަށް ހުއްދަ ދޭ ގޮތަށް ހަމަޖެއްސުން.
މި ހުއްދަ ދީފައި ވަނީ ހެނދުނު 8:00 އިން މެންދުރު 12:00 ހަމައަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 4:30 އަށެވެ. ވިޔަފާރިކުރަން ދާއިރު ވެސް ދެވޭނީ ގެއަކުން އެންމެ މީހަކަށް ކަމަށާއި ދާން ވާނީ ކައުންސިލުން ދޫކޮށްފައިވާ ފާސް ހިފައިގެން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

▪︎ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތަށް ނިންމުން.
ނަމަވެސް 60 އަހަރުން މަތީގެ މީހުންނާ 10 އަހަރުން ދަށުގެ ކުޑަކުދިން މިސްކިތަށް ނުދާން ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ. އަދި މިސްކިތަށް ދާ ފަރާތްތަކުން ގެއިން ވުޟޫ ކޮށްގެން ދިޔުމަށާއި އަމިއްލަ މުސައްލަ ގެންދިޔުމަށް ވެސް ބުނެފައިވެއެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދިޔުމަށް ވެސް ބުނެފައިވެއެވެ.

▪︎ ކޮންސްޓްރަކްޝަން ސައިޓުތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުއްދަ ދޭ ގޮތަށް ހަމަޖެއްސުން.
މިގޮތުން ހުއްދަ ބޭނުންވާ ފަރާތްތަކުން 7757488 ނަންބަރު ފޯނާއި ގުޅުމަށް ނޭކުރަންދޫ ކައުންސިލުން ވަނީ އެދިފައެވެ. މިފަދައިން މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ހެނދުނު 8:00 އިން ހަވީރު 5:00 އާއި ހަމައަށް ކަމަށް ކައުންސިލުން ބުނެއެވެ. އަދި ކަރަންޓީނު ކޮށްފައި ހުރި ގޭގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނޭކުރަންދޫން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން ކަރަންޓީނު ކޮށްފައިވާ ގެތައް:

▪︎ ހިރުނދުމާގެ
▪︎ އާތިލަ
▪︎ އަސުރުމާގެ
▪︎ ފިތުރޯނުގެ
▪︎ ބޯގަންވިލާ
▪︎ މަޑުފެހިގެ
▪︎ ޒަމާނީމަންޒިލު
▪︎ ޑިގާ
▪︎ ދިލްޝާދު
▪︎ ބެޑްރޯސް
▪︎ ވިސްޓީރިއާ

މިދިޔަ މަހުގެ 24 ވަނަ ދުވަހު ނޭކުރެންދޫ މޮނީޓަރިންނަށް ލީ ފަހުން މިހާތަނަށް 1180 ސުންކު ނަގައިފައި ވެއެވެ. އަދި މިމަހު 9ގެ ފަހުން ނެގި ސުންކުތަކުގެ ތެރެއިން 148 ސުންކެއްގެ ނަތީޖާ އަދި ނުލިބެއެވެ. މީގެ އިތުރުން އެ ރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!