މެދުއިރުމަތި ދުނިޔެ

ޣައްޒާ ނާއުންމީދުގައި: ގެ ބިމާ ހަމަކޮށްލި މިއީ 4 ވަނަ ފަހަރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ސިރްސަވީ އޭނާގެ އާއިލާއާއެކު

ޣައްޒާގައި ދިރިއުޅެމުން އަންނަ ރައްޔިތުން މިއަދު އެޤައުމު އަލުން އާރާސްތު ކުރަމުންދާއިރު އެމީހުން މިއަދު ތިބީ ދިރިއުޅުމުން އުންމީދު ކަނޑައިލައިގެންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ގެދޮރު އިމާރާތްކޮށް، އަނބިންނާއި ދަރިންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭން އެމީހުން ކުރި މަސައްކަތް ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑު ކޮށްލަފާނެ ކަމުގެ ބިރު އެމީހުންގެ ހިތްތަކުގައި އަބަދުވެސް އޮވެއެވެ. އިސްރާއީލުން ފަލަސްތީނުގެ މުސްލުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނި އަމަލުތަކުގެ ވާހަކަތަކުގެ އަޑު މިއަދު މަޑުވެފައި ވީނަމަވެސް ޣައްޒާގެ ރައްޔިތުން އަދިވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ،

Ads by Sosun Fihaara

މިދިޔަ މެއި މަހު 11 ދުވަހަށް އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތަކުގައި ގެދޮރު މުޅިން ބިމާ ހަމަވި އެތައް ހާސް މީހުންގެ ތެރެއިން އެކަކީ އުމުރުން 40 އަހަރުގެ މިތްޤާލް އަލް-ސިރްސަވީއެވެ. މިދިޔަ 12 އަހަރުގެ ތެރޭގައި އޭނާގެ 4 ފަހަރެއްގެ މަތިން އިސްރާއީލްގެ ސިފައިންގެ ހަމަލާތަކުން ވަނީ ބިމާ ހަމަކޮށްލައިފައެވެ.

"އަހަރެންގެ ގެޔަށް އެމީހުން ޓާގެޓް ކުރާ ކަހަލަ. 2008 ވަނަ އަހަރުން ފެށިގެން މިއީ ހަތަރު ވަނަ ފަހަރު. ހަތަރު ވަނަ ފަހަރަށް އަހަރެންގެ ގެ ބިމާހަމަ އެ ކޮށްލީ. އެތައް އަހަރަކުން އަހަރެން ހެދި ގެ ޖެޓްތަކާއި ޓޭންކަރުތަކުން އަމާޒަކަށް ވެ އަހަރެންގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލި" އަލްޖަޒީރާއަށް ދިން އިންޓަރވިއެއްގައި ސިރްސަވީ ބުންޏެވެ.

ސިރްސަވީ ގެއަށް 2008 ވަނަ އަހަރާއި 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ އިތުރުން މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބޮން އަޅައިފައެވެ. އަދި ކޮންމެ ފަހަރަކު ވެސް ގޭގައި ދިރިނޫޅެވޭ ވަރަށް ގެ ހަލާކު ވެގެންދެއެވެ.

"މިހެން ކިހިނެތް ދިރިއުޅޭނީ. މިނޫން ދުވަހެއް މާތް ރަސްކަލާންގެ އަޅަމެންނަށް ދެއްވާށި" ސިރްސަވީ އަލްޖަޒީރާއަށް ބުންޏެވެ.

ސިރްސަވީގެ ގެ ބިމާ ހަމަކޮށްލުމުން ކޮންމެ ފަހަރަކު ވެސް އުޅެން ޖެހެނީ އދ އިން އަޅައިފައިވާ ރެފިއުޖީ ކޭންޕްތަކުގައެވެ. މިތަންތަނުގެ ހާލު ކިޔައިދެމުން އޭނާ ބުނެފައި ވަނީ ދެއްވި ރަޙްމަތަށް ކޮޅުފައިން ޖަހަނީ ނޫން ކަަމަށާއި ނަމަވެސް މިފަދަ ކޭންޕްތަކުގައި އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މިގޮތުން އެތައް ސަތޭކަ ބަޔަކު އެއް ފާޚާނާއެއް ބޭނުން ކުރަން ޖެހުމާއި އެތައް ބަޔަކު އެއް ކޭންޕެއްގައި އުޅެން ޖެހުމުގެ ސަބަބުން އެތަކެއް ދަތިތަކެއް ކުރިމަތިވާކަމަށް އޭނާ ކިޔައިދިއެވެ. މީގެ އިތުރުން މިފަދަ ކޭންޕްތަކުގައި ބޯފެން ލިބުން ދަތިކަން ފާހަގަކޮށް، ކޮންމެ ފަހަރަކު ވެސް އަމިއްލަ ގެ މަރާމާތުކޮށް އެ ތަަނަށް ދަނީ އުންމީދުތަކަކާ އެކު ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މިހާރު ސިރްސަވީ ހުރީ ނާއުންމީދުގައެވެ. ގެ ހެދިޔަސް އަނެއްކާ ވެސް އިސްރާއީލުން އެތަން ފުނޑުފުނޑުކޮށްލާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އަބަދުވެސް އޮވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!