އެލާޓް މަތިކުރުމުން ޓޫރިޒަމަށް ކުރިއެރުން ލިބޭނެ: އަލީ ވަހީދު
ދުނިޔޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގައި ރެއިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވެލް މަތި ކުރުމުގެ
ސަބަބުން ޓޫރިސްޒަމް ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ "ހައި ސީޒަނާއި" ދިމާކޮށް ރާއްޖެ އެލާޓަށް ގެނެސް ސަލާމަތީ ބާރުތަކުގެ ހަރަކާތްތަށް އިތުރަށް ވަރުގަދަ ކުރުމަކީ މީގެ ކުރިންވެސް ބޭނުންވި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ކަމެއްގެ ސަބަބުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ. މީގެ އިތުރުން މި އެލާޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ފަތުރުވެރިކަމުގެ މަންޒިލްކަންވެސް ކަށަވަރުވާނެ ކަަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް، ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ތަނބު ކަމުގައިވާ ޓޫރިޒަމް ރައްކާތެރި ކުރުމަކީ އެއީ ލިބޭނެ ކުރިއެރުމެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ ޓޫރިޒަމަށް ޕްރޮޓެކްޝަނާއި ކުރިއެރުން ލިބޭނެ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މީގެ ކުރީގައި ސަރުކާރުތަކުން ކަންކަން ސިއްރު ކުރި ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ކަންކަން ހާމަކޮށްގެން ކުރިއަށް ދިއުން ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ޓޫރިޒަމްގެ ވިޔަފާރިއަށް ކަމަށް ބުނެ ރައްޔިތުންނަށް ސިއްރުން އެއްވެސް ފަޅެއް ނޫނީ ރަށެއް ބަޔަކަށް ދޫކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަށް ނަތިކުރަނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުންނެވެ. އެހެން ނަމަވެސް މިއަދު ރައީސް އޮފީހުންވެސް ވަނީ މިއީ ފަތުރުވެރިން ގިނަ ދުވަސްކޮޅެއް ކަމުން ނެރުނު އެލާޓެއް ކަމަށް ހާމަކޮށްފައެވެ.