އިންޑިއާއަށް ވިގޮތް ވާން ނޭދޭކަމަށް ބުނެ ބަގްލަދޭޝް ހަރުކަށި ފުރަބަންދަކަށް
ކޮވިޑް-19 ޑެލްޓާ ވޭރިއަންޓް ހަލުވި ކަމާއެކު ބަނގްލަދޭޝްގައި ފެތުރެމުންދާތީ އެޤައުމުގެ ވެރިރަށް ޑާކާ ފުރަބަންދު ކުރަން ނިންމައިފިއެވެ.
މިއަދުން ފެށިގެން ޑާކާ ފުރަބަންދު ކޮށްފައިވާ އިރު، މި ހާލަތުގައި ގެއިން ބޭރަކަށް ނުނިކުމެވޭނެއެވެ. ބަގްލަދޭޝްގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މިގޮތަށް ހަރުކަށި ލޮކްޑައުންއަކަށް ދިއުމަށް ނިންމާފައިވަނީ، އެޤައުމުގައި ހަލުވި ކަމާއެކު ކޮވިޑް-19 ޑެލްޓާ ވައިރަސް ފެތުރެމުން އަންނާތީ، އަވައްޓެރި އިންޑިއާ ގޮތަށް ސިއްހީ ނިޒާމް އެއްކޮށް ފެއިލްވާން ބަލަހައްޓައިގެން ތިބެން ބޭނުންނުވާތީ ކަމަށެވެ.
އެޤައުމުގެ ހެލްތު ޑިޕާޓްމަންޓުގެ ތަރުޖަމާނު ރޫބިދް އަމީން ވިދާޅުވީ އުސޫލުތައް ތަންފީޒް ކުރަން ފުލުހުން މަގުތަކަށް ނިކުންނާނެ ކަމަށެވެ. އަދި ކޮންޓްރޯލް ނުވެއްޖެ ހާލަތެއްގައި ސިފައިންވެސް ނިކުންނާނެ ކަމަށް ވިދާޅުވިއެވެ.
170 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގައި ފެންނަ ކޭސްތަކުގެ އަދަދު މޭ މަހުގެ މެދަކާ ހިސާބުން ފެށިގެން ވަނީ އިތުރުވާން ފަށާފައެވެ.
ބަގްލަދޭޝްގެ ޑާކާ ލޮކްޑައުން ކުރަން ނިންމާފައިވަނީ މިއަދުއެވެ. މިއަދުން ފެށިގެން އެއް ހަފްތާއަށް ލޮކްޑައުން ދިގު ދަމާލަންވަނީ ނިންމާފައެވެ. ލޮކްޑައުންގެ ހާލަތުގައި ސަރުކާރާއި އަމިއްލަ އޮފީސްތައްވެސް ބަންދުވާނެއެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ގެނެސް، ހުއްދަ ދޭނީ ހަމައެކަނި ސިއްހީ ކަންކަމުގައި ދަތުރު ކުރަން ކަމަށް ވަނީ ނިންމާފަ އެވެ.