ކުޅުދުއްފުށީ ކަައުންސިލާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ކުޅުދުއްފުށި ކައުންސިލާ ބައްދަލުކޮށް އެކައުންސިލްގެ މަސައްކަތްތައް ބައްލަވައިލައްވައި ސަރުކާރުގެ ސިޔާސަތުތައް ހިއްސާ ކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ސަބަބުން ކުޅުދުއްފުއްޓަށް ލިބިގެންދާނެ ލުއި ފަސޭހަތަކާ ބެހޭގޮތުން ސިޓީ ކަައުންސިލްގެ މޭޔަރު މުހައްމަދު އާތިފު ވަނީ ވާހަކަދައްކަވައިފައެވެ. މިގޮތުން ސަރުކާރުން މިހާރު ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިން ޔުނިޓެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން ކުރިއަށް ގެންދާކަމަށާއި މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިން ޔުނިޓެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވައިދެއްވައިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލާ އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށީ ކައުންސިލްގެ މި ކަންބޮޑުވުމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީ ފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމަށާއި ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅައިފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000އަށް ވުރެ އިތުރު ކުރެއްވުމަށް ވިސްނަވާ ކަމަށެވެ.