ޚަބަރު

ވޫހާންގައި ތިބި 7 ދިވެހިން އިންޑިއާށް ގެންގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާންގައި ތިބި ދިވެހިން އިންޑިއާއަށް ގެނެސްފިއެވެ.

Ads by Hajj Corporation

މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ވުހާންގައި ދިރިއުޅެމުންދިޔަ ހަތް ދިވެހިން އެއަރ އިންޑިއާގެ B747 ފްލައިޓުން އިންޑިއާގެ ދިއްލީއަށް ގެނެސްފައިވާ ކަމަށެވެ. މި ފްލައިޓުގައި ވުހާންގައި ދިރުއުޅެމުންދާ އިންޑިއާގެ ރައްޔިތުން ވެސް ގެނެސްފައިވެއެވެ.

އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމީހުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކަރަންޓީނު ކުރެވޭނެ ކަމަށެވެ. އެމީހުން ކަރަންޓީނު ކުރެވޭނީ ދިއްލީގެ މެނަސޫރުގައި ގާއިމު ކުރެވިފައިވާ ޚާއްސަ ފެސިލިޓީއެއްގައި ކަމަށް ވެސް އެމްބަސީއިން މައުލޫމާތުދެއެވެ.

މީގެއިތުރުން އިންޑިއާ އެމްބަސީއާއި ފޮރިން މިނިސްޓްރީއާއި ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށާއި މިކަމުގައި ބެއިޖިންގްގައި ހުންނަ ރާއްޖޭގެ އެމްބަސީގެވެސް އެއްބާރުލުން ލިބުނު ކަމަށެވެ. އަދި އެމީހުން ވުހާން އިން ނެރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ދޭންޖެހޭ ހުއްދަތައް ލިބުމާއި އެކު ފެށުނު ކަމަށް ވެސް ބުނެފައިވެއެވެ. މިކަން ކުރެވުނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށާއި ރާއްޖެއާއި އިންޑިއާ އާއި އޮތް ގުޅުމުގެ ވަރުގަދަކަން އެމްބަސީއިން ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ހަތް ދިވެހިންނާއެކު އެއާއިންޑިއާގެ ފްލައިޓު އިންޑިއާގައި ލޭންޑު ކުރިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޝާހިދު ވަނީ އިންޑިއާއިން މިކަމުގައި ވީ އެހީތެރިކަން ފާހަގަކޮށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ. މީގެ އިތުރުން ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ކަމާބެހޭ ފަރާތްތަކާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލީ ޖޮންގްގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!