ކައުންސިލްތަކަށް ބާރު ދޭން އިތުރު ބިލެއް މަޖިލީހަށް ފޮނުވައިފި

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށް ޓަކައި ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލަކީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެކެވެ. އެ ބިލުގައި ވަނީ ފިޝަރީޒް މިނިސްޓްރީގެ އިތުރުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ކުއްޔަށް ދޫކުރުމުގެ ބާރު ލިބޭ ގޮތަށް އިސްލާހު ހުށަހަޅައިފައެވެ. މިހާރު ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ފިޝަރީޒް މިނިސްޓްރީއަށެވެ.
މީގެ އިތުރުން ކައުންސިލުތަކަށް ބާރު ދިނުމަށް ހުށަހަޅުއްވައިފައިވާ އަނެއް ދެ ގާނޫނަކީ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނެވެ. އެގޮތުން ގެނައި އިސްލާހުގެ ތެރޭގައި، ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ފޯރު ކޮށްދެމުން އަންނަ ބައެއް ހިދުމަތްތައް ކައުންސިލުން ދޫކުރާ ގޮތަށް ބަދަލު ކުރުން ހިމެނެއެވެ.
އެހެން ނަމަވެސް އިސްލާހު އޮތް ގޮތުން ކައުންސިލް ތަކަށް ދޫކުރެވޭނެ ހިދުމަތްތަކާއި، އެ ހިދުމަތްތަކާ ގުޅޭ ގަވައިދު ހަދާނީ ޓްރާންސްޕޯޓު މިނިސްޓްރީންނެވެ. އަދި އެ އިސްލާހަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ގަވައިދު ހަދާ ނިމެން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.