ބަނގްލަދޭޝް ފެކްޓްރީއެއްގައި އަލިފާން ރޯވެ 52 މީހުން މަރުވެއްޖެ

ބަނގްލަދޭޝްގެ ކާބޯތަކެތި ބަންދުކުރާ ފެކްޓްރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން ހިނގައިދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 52 އަށް އަރައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގައި ދިޔަ މިހާދިސާގައި ރޯވި އަލިފާން ގަނޑު އަދިވެސް އެއްކޮށް ނިއްވައި ނުލެވޭކަމަށް ރިޕޯޓްތަައް ބުނެއެވެ. އަލިފާންގަނޑު ރޯވުމުގެ ސަބަބުން އަދިވެސް އިމާރާތުގެ ތެރޭގައި ގިނަ ބަޔަކު ނުނިކުމެވި ތާށިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަމީހުންގެ އަދަދު 30 އިން މައްޗަށް ގޮސްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރޯވި އިމާރާތުގައި ގިނަ އަދަދަކަށް އަލިފާން ހިފާ ޒާތުގެ ކެމިކަލް އަދި ޕްލާސްޓިކް ފަދަ ތަކެތި ހުރުމަކީ އަލިފާން ނިންވައިލުމުގައި ބޮޑު ގޮންޖެހުމަކަށް ވެފައިވާކަމެއްކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިހާދިސާގައި އަނިޔާވި ގިނަ މީހުންނަށް އަނިޔާވީ ތިރީ ފުލޯތަކުގައި އަލިފާން ރޯވުމުގެ ސަބަބުން ސަލާމަތްވާން އިމާރާތުން ފުއްމާލުމުގެ ސަބަބުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިނުވާ އިރު އެތެރޭގައި ތާށިވެފައިވާ މީހުންގެ އަދަދު އަދިވެސް ޔަގީންވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
ބަންގްލަދޭޝްގައި ފެކްޓްރީތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން އާއްމުވެފައިވާ އިރު 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ވެސް ހިނގި މިފަދަ ހާދިސާއެއްގައި 70 މީހުން ވަނީ މަރުވެފައެވެ. ބަނގްލަދޭޝްގައި މިފަދަ ހާދިސާތައް ހިނގަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ހުންނާތީކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.