ދުނިޔެ

އަނދައިގެން ދިޔަ ފެކްޓްރީގެ ވެރިޔާ ހައްޔަރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު ބަނގްލަދޭޝްގެ ކާބޯތަކެތި ބަންދުކުރާ ފެކްޓްރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތަހްގީގުގައި އެ ފެކްޓްރީގެ ވެރިމީހާއާއި އޭނާގެ ހަތަރު ދަރީން ހައްޔަރުކޮށްފިކަމަށް ބަންގްލަދޭޝް މީޑިޔާތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ފަސް ބުރީގެ ފެކްޓްރީ އިމާރާތުގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ އަދަދު 52އަށް އަރައިފައިވާ އިރު މި ފެކްޓްރީގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބަނގްލަދޭޝްގެ ނަރަޔަންގަންޖް ޑިސްޓްރިކްޓްގެ ފުލުހުންގެ ޗީފް ޖޭޔަދުލް އާލަމް މީޑިޔާތަކުގައި ވިދާޅުވިގޮތުގައި އިމާރާތުގައި އަލިފާން ރޯވި އިރު އިމާރާތަށް ވަންނަ ދޮރުގައި ވަނީ ތަޅުއަޅުވައިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުވެސް އިމާރާތުގައި ނެތްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ހާދިސާގައި މަރުވި ގިނަ މީހުން މަރުވީ ވެސް އިމާރާތުން ނުނިކުމެވި ތާށިވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމަޖެންސީ ސާރވިސްގެ މީހުން ބުނި ގޮތުގައި އިމާރާތުގެ 3 ވަނަ ފްލޯއިން 48 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ބަނގްލަދޭޝް ފަޔަރ ސާރވިސްގެ ސްޕޯކްސްޕާރސަން ވިދާޅުވިގޮތުގައި އިމާރާތުން ނުކުންނަ ހުރީ ދޮރު ތަޅުއަޅުވައިފައެވެ. އަދި އިމާރާތުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ އެއްޗެހިކަމުން އަލިފާން ނިންވުމަށާއި މީހުން ސަލާމަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި 14 އަހަރުގެ ކުޑަ ދެކުދިން ހިމެނޭއިރު 11 އަހަރުގެ ކުއްޖެއް އަދިވެސް ނުފެނި ވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިކުދިންނަކީ އެ ފެކްޓްރީގައި މަސައްކަތް ކުރަން އުޅުނު ކުދިން ކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!