ވިޔަފާރި

ރާއްޖެ އިސްތިހާރު ކުރުމަށް "ރިޓަރން ޓު މޯލްޑިވްސް"ގެ ނަމުގައި ގްލޯބަލް ކެމްޕެއިނެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އިންސައިޑްފްލަޔަރ މެގަޒިނާ އެކު ހަފްތާއެއްގެ މުއްދަތަށް "ރިޓަރން ޓު މޯލްޑިވްސް"ގެ ނަމުގައި ގްލޯބަލް މާކެޓިން ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ފަށައިފިއެވެ.

Ads by STELCO

މިކެމްޕޭނުގައި ރާއްޖެ އުފެދިފައިވާ ގޮތުންނާއި، އެކުލަވައިލެވިފައިވާއި އުސޫލުތަކާ އެކު ރާއްޖެއަކީ މިވަގުތު ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ސިފަކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އޭގެ އިތުރުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ތަަރައްގީކުރެވިފައިވާ ރިސޯޓްތަކާއި، ފަތުރުވެރިންނަށް ޚާއްސަކޮށް ރާއްޖޭން ލިބެން ހުންނަ ޚިދުމަތްތައް އިޝްތިހާރުކުރެވިގެން ދާނެކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ހަފްތާއެއްގެ މުއްދަތައް މިކެމްޕެއިން ކުރިއަށް ގެންދާއިރު، ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީއެއް އިޝްތިހާރުކުރެވިގެން ދާނެ ކަމަށާއި އެ ގޮތުން ފުށިފަރު މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ، ސަން ސިޔާމް އިރު ވެލި، ޖޯލި މޯލްޑިވްސް މުރަވަންދޫ، ހާރޑް ރޮކް ހޮޓެލް މޯލްޑިވްސް، ރެޑިސަން ބްލޫ އަދި ކޮންރެޑް މޯލްޑިވްސްގެ އިޝްތިހާރު ހިމެނޭ ކަމަށެވެ.

ކެމްޕެއިނުން ޖަރުމަނު، ސްވިޒަލެންޑް، އޮސްޓްރިއާ، ޔޫކޭ އަދި ބެނަލުކްސްގެ ގައުމުތަކާއި، ސްކެންޑިނޭވިއަން ގައުމުތަކުގެ އިތުރުން ނޯތު އެމެރިކާގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ.

ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް މިފަދަ ގިނަ ކެމްޕޭންތަކެއް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު ކޮވިޑް19ގެ ސަބަބުން ދަށަށް ގޮސްފައިވާ ރާއްޖޭގެ ޓޫރިޒަމްދާއިރާ މަޑުމަޑުން ހަމަޔަކަށް އެޅެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދުވަހެއް ދުވަހަކަށް މައްޗައް ދާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!