ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ
ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، ވައިރަހުގެ ސަބަބުން ޖެހޭ އެހެން ބައްޔެއްގައި ޗައިނާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ޗައިނާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހާ މަރުވެފައި ވަނީ "މަންކީ ބީ ވައިރަސް" ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުންނެވެ. 53 އަހަރުގެ އެ މީހާއަކީ ޖަނަވާރުންގެ ބަލިތައް ތަހުލީލުކުރުމުގައި އުޅޭ ޗައިނާގެ ޑޮކްޓަރެކެވެ. އޭނާ މަރުވެފައި ވަނީ ބަލީގެ އަލާމަތްތައް ފެންނަން ފެށިތާ މަހެއް ފަހުންނެވެ. އޭނާގެ ކިބައިން ފެނުނު އަލާމަތްތަކުގެ ތެރޭގައި ނޭވާ ހިއްލުން، ހުންއައުން އަދި އާދަޔާ ޚިލާފަށް ހޮޑުލުން ހިމެނެއެވެ.
އޭނާ މަރުވެފައި ވަނީ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. ބަލި ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުން ގިނަ ސުންކުތަކެއް ވަނީ ނަގައިފައެވެ. އެގޮތުން އެ ވައިރަސް އޭނާގެ ހަޑިގަނޑަށް އަރައިފައި ވަނީ މަރުވެފައި އޮތް ދެ ރާމާމަކުނެއް ފަޅައި ދިރާސާތަކެއް ކުރުމުގެ ތެރޭގައިކަމަށް ރިޕޯޓުތަކުން ބުނެއެެވެ.
އެ ސުންކުތައް ނޭޝަނަލް އިންސްޓިޓިއުޓްް ފޯ ވައިރަސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ފޮނުވައި، އިދާރާއިން ބެލި ބެލުމުގައި އެރިސެއްލާ-ޒޮސްޓާ ނަމަކަށް ކިޔާ ވައިރަހެއް ވެސް ވަނީ އޭނާގެ ހަށިގަނޑުން ފެނިފައެވެ. އަދި މި ވައިރަސް އެންމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައި ވަނީ 1932 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
މިބަލި ޖެހިގެން ޗައިނާގެ ޑޮކްޓަރު މަރުވުމާ ގުޅިގެން އޭނާއާ އެކުގައި އުޅުނު އެންމެންގެ ހަށިގަނޑުން ސުންކު ނަގައިގެން އެ ބަލި ހުރިތޯ ވަނީ ޓެސްޓު ކޮށްފައެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނައްސި ކަމަށެވެ. މި ވައިރަހާ ގުޅޭ އިތުރު ދިރާސާތައް މިހާރު ދަނީ ކުރަމުންނެވެ.