މިއަދު ފެންނަމުން ދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަ މަންޒަރު: ޢީދު ޚުތުބާ
އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހުގެ ޚުތުބާގައި ވެސް އެންމެ ފުރަތަމަ ހަނދުމަކޮށްދެއްވާފައި ވަނީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ވެ ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ޤުރްބާނީގެ މަތިންނެވެ.
އަޟްޙާ ޢީދު ދުވަހަކީ ޤުރްބާނީގެ ދުވަސް ކަމުގައިވީ ހިނދު، އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން، ފާސްވެވަޑައިގަތުމުން މާތް ﷲ އެ ދެބައިކަލުންނަށް ތައުރީފުގެ ބަސް ވަޙީ ކުރެއްވި ދުވަހެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ޤުރްބާން ކުރައްވަން އެކަލާނގެ އަމުރު ކުރެއްވި ހިނދު، އެކަމަށް ކިޔަމަންގަނެ ކެތްތެރިވީ ދުވަހެވެ. އަދި އިބްރާހީމްގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނު ވެސް މާތް ﷲ އެންގެވުމަށް ތަބާވުމަށް އެކަލޭގެފާނުގެ ބައްޕާފުޅަށް ހިތްވަރުދެއްވި ދުވަހެވެ.
އިބްރާހީމްގެފާނުގެ ދަރިކަނލުންގެ ވާހަކައިން، އުއްމަތަށް މިއަދު އިތުރު ފިލާވަޅުތައް ދަސްކުރަންޖެހިފައި ކަމަށް ޢީދު ޚުތުބާގައި ވިދާޅުވެފައިވެއެވެ.
"މިއަދު ފެންނަމުން ދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތި ކޮށް ހިތަމުން އަންނަ ތަނެވެ. ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތަމުން އަންނަ ތަނެވެ. ނަބިއްޔާއަށް ފުރައްސާރަ ކުރަމުން އަންނަ ތަނެވެ. މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ ތަނެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ހަނދުމަ ކޮށްދެއްވާފައި ވަނީ އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ހުރުމަތް ދަނީ ކަނޑަމުން ކަމަށާއި މުސްލިމު ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުން ކަމަށެވެ.
"އިސްލާމީ ޔުނިވާސިޓީތަކާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ މަންޙަޖުތައް ބަދަލު ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އިސްލާމްދީން މިވަނީ އެ ދީނުގެ ވަޠަންގައި ބީރަށްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުންނެވެ." ޢީދު ޚުތުބާގައި ބުނެފައި ވެއެވެ.
މުސްލިމުންގެ ޙައްްޤުތަކަށް އަރައިގަންނަމުން ދާ ކަމަށާއި މިއަދު މިވަނީ އެމީހުންގެ ޙަައްޤުތައް އަތުލައިގެންފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.