ޢީދު ނަމާދު ކުރިޔަށް ދަނިކޮށް އަފްޣާނިސްތާން ރައީސްގެ ގެކޮޅަށް ރޮކެޓް ހަމަލާތަކެއް ދީފި
އަޟްޙާ އީދު ނަމާދު ކުރަމުން ގެންދަނިކޮށް، އަފްޣާނިސްތާނު ރައީސްގެ ގެކޮޅާ ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ.
ރޮއިޓާސްއިން ރިޕޯޓް ކުރާ ގޮތުގައި ހަމަލާތައް އަމާޒުވެފައި ވަނީ ރައީސްގެ ގެކޮޅު ކައިރީ ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރަމުން ދަނިކޮށެވެ. ރޮކެޓް އަރައިފައި ވަނީ ޖަމާއަތް ހަދައިގެން ތިބި މީހުންނާ ތަންކޮޅެއް ދުރަށެވެ. މިހެންކަމުން މިހަމަލާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
ޓީވީއިން ލައިވް ކުރަމުން ދިޔަ ޢީދު ނަމާދުގެ ފީޑް ހަމަލާ އެކު ވަނީ މެދު ކަނޑައިލައިފައެވެ. ޓީވީއިން ފެނުނު ގޮތުގައި ޢީދު ނަމާދުގައި ރައީސް އަޝްރަފް ޣަނީ ބައިވެރިވެ ވަޑައިގަތެވެ. އަދި ޚުތުބާ އިއްވެވީ ވެސް އެ މަނިކުފާނެވެ.
ހަމަލާގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ލޮލުންތަކެއް ވަނީ އަރައިފައެވެ. އެހެން ނަމަވެސް ޢީދު ނަމާދު މެދު ކަނޑައިނުލާ ކުރިޔަށް ގެންދިޔައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮކެޓްގެ ދެ ހަމަލާއަށް ވުރެ ގިނަ ހަމަލާ އެ ވަގުތު ވަނީ ފޮނުވައިލައިފައެވެ.
ހަމަލާތަކަށް ފަހު އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު މީޑިއާތަކަށް ވިދާޅުވީ، ޖުމްލަ 3 ރޮކެޓެއް ވެރިރަަށް ކަބުލްގެ އެކި ސަރަހައްދަށް އަރައިފައިވާ ކަމަށެވެ.
ހަމަލާގެ ކުޑަ ވަގުތުކޮޅެއް ފަހުން ރައީސް ޣަނީ ވަނީ ޢީދު ޚުތުބާ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް ރައީސްގެ ގެކޮޅަށް އަމާޒުކޮށް އެތައް ފަހަރެއްގެ މަތިން ރޮކެޓް ހަމަލާތަކެއް ދީފައިވެއެވެ. އެންމެ ފަހުން މިފަދަ ހަމަލާއެއް ދީފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.