ޢީދު ބަންދުގައި ޗުއްޓީ ހޭދަކުރާއިރު އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވޭ: މަބްރޫކް

ޢީދު ބަންދުގައި ރަށްރަށަށް ޒިޔާރަތްކުރުމަށް ލިބިފައިވާ މިފުރުޞަތުގައި ވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެެއެވެ.
މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢީދު ބަންދުގައި އާއިލާތަކާ އެކު ޗުއްޓީ ހޭދަކުރާއިރު ވެސް ކޮވިޑުން އަރައިގަތުމަށް ޞިއްޙަތާބެހޭ މާހިރުން ދެއްވާފައިވާ އިރުޝާދުތަކަށް އެއްގޮތަށް އަމަލު ކުރެއްވުމަށެވެ.
އެގޮތުން ގައިދުރުކަން އިސްކޮށް، މާސްކު އެޅުމާއި ސެނިޓައިޒް ކުރުމަށާއި، ގިނަގިނައިން އަތް ދޮވުމަށާއި އަދި ގިނަ މީހުން އެއްވެ ނޫޅުމުގެ އިތުރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތުން ދުރުކޮށްދޭ ކަމަށާއި، ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު މިހާރު އޮތް ގޮތުން ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގެ މެދުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްރަށަށް ދިޔުން މަނަލެވެ. އަތޮޅުތެރޭގައި މި ވަގުތު ވެސް 21 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ އުސޫލުތަކުގައި ވާގޮތުން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު، ނައްސި ޕީސީއާރު ޓެސްޓާއެކު ކަރަންޓީނު ވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެއެވެ.