އޮކްސްފޯޑު އެސްޓްރަޒެނެކާ އިން އުފައްދާ ކޯވިޑް ވެކްސިނުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އެއްބަސްވިތާ ހަފްތާތަކެއް ފަހުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ވެކްސިން އުފެއްދުން ހުއްޓާލަން ނިންމާފައިވާކަން މިދިޔަ އަންގާރަ ދުވަހު އެކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.
ދަ ޓެލެގްރާފް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ މި ވެކްސިން މާކެޓްތަކުން ނަގަނީ ވިޔަފާރީގެ ސަބަބުތަކާހުރެ ކަމަށެވެ. މި ވެކްސިނަށް އޮތް ޑިމާންޑު ދަށްވަމުން ދިޔައީ، ކޯވިޑުގެ އާ ވައްތަރުތަކާ ކުރިމަތިލުމުގެ ގާބިލްކަން ހުރި އަޕްޑޭޓް ވެކްސިންތަކަކަށް ފަހު ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން ހިލޭސާބަހަށް ދީފައިވާ "މާކެޓިން އޮތޯރިޒޭޝަން" އަނބުރާ ގެންދިއުމުން ޔޫރަޕިއަން ޔޫނިއަންގައި މި ވެކްސިން މިހާރު ބޭނުން ނުކުރެވޭނެ އެވެ.
ވެކްސިން އަނބުރާ ގެންދިއުމަށް އެދި ހުށަހެޅީ މި އަހަރުގެ މާޗް މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި އެ އެޕްލިކޭޝަނަށް އަމަލު ކުރަން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑާ އެކު އުފެއްދި ކޯވިޑް-19 އަށް ވެކްސިން ދިނުމުން ލޭ ގަނޑުވުމާއި، މަރުވުމުގެ ހާދިސާތަކެއް ހިނގިކަމަށް ބުނެ އެ ބޭސް ކުންފުންޏާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ ދައުވާވެސް ކޮށްފަ އެވެ.
އެހެންނަމަވެސް ދަ ޓެލެގްރާފް އިން ބުނާ ގޮތުގައި އެސްޓްރަޒެނެކާ އިން ވަނީ ވެކްސިން އަނބުރާ ގެންދިއުމަށް ނިންމުމަކީ ކޯޓު މައްސަލައާ ނުވަތަ ޓީޓީއެސް ޖެހިދާނެ ކަމަށް އެއްބަސްވުމާ ގުޅުން ހުރި ކަމެއް ނޫނެވެ. އަދި މި ދެކަންތައް އެއްފަހަރާ ދިމާވުމަކީ ސާފު އިއްތިފާގެއް ކަމަށް ބުނެފައިވެ އެވެ.
އެސްޓްރަޒެނެކާ އިން ދަ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އާއި ގުޅިގެން 2020 ވަނަ އަހަރު ކޮރޯނާވައިރަސް ފެތުރިގެން ދިޔަ ފަހުން އޭޒީޑީ1222 ވެކްސިން އުފެއްދިއިރު އިންޑިއާ އާއި އާމްދަނީ ދަށް އަދި މެދުފަންތީގެ އެހެން ގައުމުތަކުގައި އެ ވެކްސިން އުފައްދައި ސަޕްލައިކޮށްފައި ވަނީ "ކޮވިޝީލްޑް" ގެ ނަމުގައި ސީރަމް އިންސްޓިޓިއުޓު އޮފް އިންޑިއާ (އެސްއައިއައި) އަށް ޔުނިވާސިޓީ އާއި ސްވިޑެން-އިނގިރޭސި ބޭސް އުފައްދާ ކުންފުނިން ލައިސަންސް ހޯދައިގެންނެވެ.
‘މަދުން މަދުން’ ދިމާވާ ނޭދެވޭ އަސަރުތަކާ ބެހޭ ރިޕޯޓް
އެސްޓްރަޒެނެކާ އިން ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅި ގާނޫނީ ލިޔުމެއްގައި، އެ ކުންފުނީގެ ކޯވިޑް ވެކްސިން "ވަރަށް މަދު ހާލަތްތަކުގައި ޓީޓީއެސް ޖެހިދާނެ" ކަމަށް އެއްބަސްވެފައިވެ އެވެ.
ވަކީލުން ވިދާޅުވެފައި ވަނީ އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިނަކީ "ޑިފެކްޓިވް" ވެކްސިނެއް ކަމަށާއި އޭގެ ފައިދާ "މާބޮޑަށް ފާހަގަކޮށްފައިވާ" ކަމަށެވެ. އެއަށްފަހު އެސްޓްރާޒެނެކާއިން ވަނީ މި ވާހަކަތައް ވަރަށް ބޮޑަށް ދޮގުކޮށްފަ އެވެ.
މިހާތަނަށް ހައިކޯޓަށް 51 މައްސަލައެއް ހުށަހަޅާފައިވާއިރު، ޝިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ މީހުންގެ ގާތްތިމާގެ މީހުން ކޮށްފައިވާ ދައުވާތަކަށް ދޭންޖެހޭ ގެއްލުމުގެ ބަދަލު 100 މިލިއަން ޕައުންޑާ ހަމައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ދަ ޓެލެގްރާފްގައި ބުނެފައިވެ އެވެ.
ވެކްސިންގެ ސައިޑްއެފެކްޓަކީ ކޮބާ؟
ތްރޮމްބޮސިސް އާއި ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) އަކީ ޕްލެޓްލެޓް ކައުންޓް ދަށް (ތްރޮމްބޮސައިޓޯޕެނިއާ) އާއި ހަށިގަނޑުގެ ތެރޭގައި ލޭ ހޮޅި (ތްރޮމްބޮސިސް) އަށް މެދުވެރިވާ ސީރިއަސް ސިއްހީ ހާލަތެކެވެ. މި ހާލަތު ގުޅިފައިވަނީ ކޯވިޑް-19 ގެ ދުވަސްވަރު ތައާރަފްކުރި އެޑިނޯވައިރަސް ވެކްޓަރ ވެކްސިންތަކާ އެވެ.
މި ހާލަތުގެ ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި، މޭގައި ރިއްސުމާއި، ފައި ދުޅަވުމާއި، ބޮޑެތި އަދި މެދުނުކެނޑި ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިހުން ހިމެނެ އެވެ. ބަލިޖެހިފައިވާ މީހުންނަށް ފަސޭހައިން ކަށިތައް ފަޅައިގެން ދިއުންވެސް ހިމެނެ އެވެ.
އެސްޓްރަޒެނެކާ ކޯވިޑް ވެކްސިންތަކުގެ ސަބަބުން ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) ޖެހެނީ ހެއްޔެވެ؟
އާދެ، އެކަމަކު މަދުން ނޫނީ ނުފެންނަ ސައިޑް އިފެކްޓެއްގެ ގޮތުގަ އެވެ. އެކުންފުނިން ބުނެފައިވާ ގޮތަށް އަދި ކުރީގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި އެސްޓްރަޒެނެކާ ކޯވިޑް ވެކްސިން ދިން ކޮންމެ މީހަކަށް ޓީޓީއެސްގެ އަސަރު ނުކުރާނެކަން އެނގުން މުހިންމެވެ.
މަލްޓިނޭޝަނަލް ފާމަސިއުޓިކަލް ކޯޕަރޭޝަން އެސްޓްރަޒެނެކާ އިން ވަނީ އެ ކުންފުނީގެ ކޮވިޑް-19 ވެކްސިން އޭޒީޑީ1222 ގެ ސަބަބުން ޕްލެޓްލެޓް ލެވެލް ދަށްވެ ލޭ ގަނޑުވުމުގެ މައްސަލަ މަދުން ނަމަވެސް ދިމާވެދާނެ ކަމަށް އެއްބަސްވެފަ އެވެ. މި ބަޔާނަކީ އެ ކުންފުންޏާ ދެކޮޅަށް އިނގިރޭސިވިލާތުގެ ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކަށް ޖަވާބު ދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނެކެވެ. މިއީ ހަމަ އިންޑިއާގައި ކޮވިޝީލްޑްގެ ނަމުގައި އުފައްދާ ވެކްސިނެކެވެ.
އެ ކުންފުނިން ގާނޫނީ ކަރުދާސްތަކުގައި ފާހަގަކޮށްފައި ވަނީ ޓީޓީއެސް ދިމާވުމުގެ ފުރުސަތު އޮތް ނަމަވެސް އެއީ "މަދުން މަދު" އަދި "އާންމު ނޫން" ކަމެއް ކަމަށެވެ.
ކޮވިޝީލްޑް އާއި އެސްޓްރާޒެނެކާ އާއި ގުޅުން އޮތީ ކިހިނެއް ހެއްޔެވެ؟
އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ އިން ކޮވިޑް-19 ވެކްސިން ތައްޔާރުކޮށްފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެންނެވެ. ހަމަ މި ވެކްސިނަކީ ކޮވިޝީލްޑް ބްރޭންޑް ނަމުގައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފެއްދުމުގެ ލައިސަންސް ދީފައިވާ ވެކްސިނެކެވެ. ޔޫރަޕްގައި މި ވެކްސިން ވިއްކަނީ ވަކްސްޒެވްރިއާ ބްރޭންޑް ނަމުގައި އެވެ. ކުރުކޮށް ބުނާނަމަ ދެ ވެކްސިން ވެސް ތައްޔާރުކުރުމުގައި އެއްގޮތް ނަމަވެސް އުފައްދައި ބެހިފައިވަނީ އެކި ޖިއޮގްރަފީތަކުގަ އެވެ.
އެސްޓްރާޒެނެކާގެ ވެކްސިން ކެޓަގަރީ ކުރެވިފައިވަނީ އެޑިނޯވައިރަސް ވެކްޓަރ ވެކްސިންގެ ދަށުންނެވެ. ކްލިނިކަލް ޓްރައިލްތަކަށް ބަލާއިރު، މި ދެ ވެކްސިން ވެސް ދެވަނަ ޑޯޒް ދިނުމަށްފަހު ދެ ހަފްތާ ފަހުން ކޯވިޑް-19 އިންފެކްޝަން އިން %60–80 ރައްކާތެރިކަން ދައްކަ އެވެ.