ރިޕޯޓް

ޕޮލިސް މެމޯރިއަލް ޑޭ : ޚިދުމަތްތެރި އެތައް ފުލުހެއްގެ ވަކިވެ ދިއުމާ ގުޅިފައި

އާމިނަތު ސަަޒްރާ

ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފާހަގަ ކުރަނީ ޕޮލިސް މެމޯރިއަލް ޑޭގެ ގޮތުގައެވެ.

މިދުވަސް ފާހަގަ ކުރަން ފެށީ 2013 ވަނައަހަރުއެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފުލުހުން ދަނީ ކުލަ ގަދަކޮށް މިދުވަސް ފާހަގަ ކުރަމުންނެވެ. ކޮވިޑް19 ގެ ސަބަބުން މި އަހަރު ޕޮލިސް މެމޯރިއަލް ޑޭ ކުލަގަދަކޮށް ފާހަގަ ނުކުރެވުނު ނަމަވެސް މިދުވަސް ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ކޮށީގައި ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އަދި މިރަސްމިއްޔާތުގައި ފުލުހުންގެ ދިދަ ނަގައިފައި ވަނީ ބައި ދަނޑިއަށެވެ.

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަ ކުރަންފެށީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ކ.ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ވަޅިން ދިން ހަމަލާއެއްގައި ޝަހީދު ކޮށްލީ އެރަށު ކެތި، އާދަމް ހަލީމްގެ މަރާ ގުޅިގެންނެވެ. މި ހަމަލާގައި އާދަމް ހަލީމް ޝަހީދުކޮށްލި އިރު އޭނާ ހުރީ ފުލުހުންގެ ރަސްމީ ޔުނީފޯމުގައެވެ. މީގެ އިިތުރުން ވެސް ފުލުހުންގެ ވާޖިބު އަަދާކުރަމުންދަނިކޮށް ދިމާވި އެކި އެކި ހާދިސާތަކާއި ގަސްތުގައި ދިން ހަމަލާތަކުގެ ސަަބަބުން ޝަހީދުވި ބ.ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާޙް ޢަބްދުﷲ އާއި ވ.ރަކީދޫ، ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރު އާއި ލ.ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމްގެ ޒިކުރާއާކޮށް މިބޭފުޅުންގެ އާއިލާތަކާއި ފުލުހުންގެ އިސްވެރިން ބައްދަލުކޮށް ހިތްވަރު ދޭ ދުވަހެއްގެ ގޮތުގައި ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރެއެވެ.

މިދުވަހު ޒިކުރާ އާކުރާ ފުލުހުން ކަމުގައިވާ ބ.ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާޙް ޢަބްދުﷲ ޝަހީދުކޮށްލައިފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަގަހައްޓައި މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ވެހިކަލް ޗެކް ޕޮއިންޓެއް ޤާއިމްކޮށްގެން ވެހިކަލްތައް ޗެކްކުރުމުގެ ވާޖިބު އަދާކުރުމުގައި އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލަކުން ޖައްސައި 2013 ޖޫން 01 ވަނަ ދުވަހުއެވެ.

ވ.ރަކީދޫ، ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރު ނިޔާވެފައި ވަނީ ފުލުހުންގެ ރަސްމީ ޑިއުޓީގައި ހުރެ ދޫނިދޫއަށް ދިޔަ ފެރީއެއްގައި އިންނަވަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓި 2007 މާރޗް 13 ވަނަ ދުވަހުއެވެ.

އަދި ލ.ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމް ނިޔާވެފައި ވަނީ ކަނޑުމަތީގައި ދިމާވި ހާދިސާއެއްގައި ޙާލުގައި ޖެހުނު ދޯންޏެއްގައި ތިބި މީހުންނާއި މުދާ ސަލާމަތްކުރުމަށް އެ ހާދިސާ ހިނގި ތަނަށް ދިޔަ މަގުމަތީގައި ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި 2006 ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ، ޝަހީދުވި ފުލުހުންގެ ޒިކުރާއާކޮށް ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި ކުރިއަށް ގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!