ރިޕޯޓް

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަސް: މިނިވަންކަމުގެ އިހްސާސް ކުރެވޭތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މިނިވަންކަމުގެ އެއްބަސްވުމުގައި ރައީސް ނާސިރު ސޮއި ކުރައްވަނީ

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ 1887 ވަނަ އަހަރުގެ ފަހުން ދިވެހިން މިނިވަން ކަމުގެ ނޭވާ އެންމެ ފުރަތަމަ ލީ ދުވަހެވެ. އިނގިރޭސިންގެ އަތް ދަށުން މިނިވަންވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ނޭވާލާތާ މިއަދަށް 56 އަހަރު ވާއިރު ރާއްޖޭގެ މިނިވަން ކަމުގެ ހާލަތު އޮތް މިންވަރަކީ މިއަދު އަހަރުމެން ކޮންމެހެން ވިސްނާލަން ޖެހޭކަމެކެވެ.

Ads by Sosun Fihaara

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ވެވުނު މިނިވަންކަމުގެ ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔަ ކޮންމެ ފަހަރަކުވެސް ގައުމަށް ހިޔާނާތްތެރިވީ ގައުމުގެ ދަރިއެއްގެ އަތެއް އޮތުމަކީ މިއީ ވެސް ހިތްދަތި ހަގީގަތެވެ. ކަންމިހެން ހުރި ނަމަވެސް ރާއްޖޭގެ ދިފާއުގައި ނުކުމެ މޭ ފޫއަޅުވައިލީ ވެސް ހަމަ ދިވެހި ދަރިންނެވެ.

މިއަދުގެ ޒުވާން ޖީލު މިވަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅައިފައެވެ. ދީނަކާއި ދީނެކެވެ. ދިވެހިންގެ އަޤީދާ ބަލިކަށިވެއްޖެއެވެ. ދިވެހިންގެ ސަގާފަތް ތާރީހާ މޮޑެވި ފަސްދާނު ލެވިއްޖެއެވެ. ޤައުމީ ރޫޙު ނެތި ހިނގައްޖެއެވެ. ސިޔާސީ ކޯޅުމުގައި ޤައުމު ފަނާވަނީއެވެ. ފިތުނައާއި ހަސަދައެވެ. ރުޅިވެރިކަމާއި ބައިބައިވުމެވެ. އީމާންތެރިކަމުގެ ޒައްރެއް ނެތި ފާހިޝް ކަންކަމާއި ނޭއްގާނީ އަމަލުތަކުގައި ދިވެހި ޒުވާނުން މަސްޢޫލުވެ ނެތިގެން ދަނީއެވެ.

ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން ތިބި ފަރާތްތަކުން ގައުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމު ދާނެ މަގަކުން ދާން ދޫކޮށްލައިގެން ތިބިމަންޒަރު ފެނިގެން ދިޔުމަކީ ހަމަގައިމު ވެސް އަޅުގަނޑުގެ ހިތަށް ކުޅަދާނަ ކަމެއްނޫނެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއަދު މިގައުމުގައި މިނިވަން ކަމަކީ ނަމަކަށް އޮތް އެއްޗެއްކަމެވެ. ފަރުދީ މިނިވަން ކަމަކީ އެމީހެއްގެ އަމިއްމަ މިިނިވަންކަމޭ ބުނެ އަނެކާގެ މިނިވަން ކަމަށް އަރައިގަތުމަކީ ވެސް މިނިވަންކަން ކަމުގައި ދެކޭ ޒަމާން މިއަދު އަޅުގަނޑުމެން މިދަނީ ދެކެމުންނެވެ.

މިއަދު ދިވެހިންގެ ހާލަތަކީ ގައުމުގެ ބިން ވިއްކައިގެން ވެސް އަމިއްލަ ޖީބު ފުރާލުން މާމުހިންމުވުމެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ވަގުތަކު ވެސް އެކަމާ ދެކޮޅަށް ދިވެހިން ނުކުންނަނީ ނުހަނު ހިތްވަރާއެކުއެވެ. ގައުމުގެ އެންމެ އިންޗިއެއް ވެސް ނުދޭނަމޭ ބުނެ އެފަދަކަމެއް ކުރަން ހިތަށް އަރުވާ މީހެއް ވެސް "ހަމަ ބިމަށް ތިރިކޮށްލަނީ" ނުހަނު ސާބިތުކަމާއެކުގައެވެ.

އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑަށް އެކިގޮތްގޮތަށް އެކި ފަރާތްތަކުން ފޯރުވާ ނުފޫޒުގެ ސަބަބުން މިނިވަންކަމަށް ކުރާ އަސަރުތަކުން ސަލާމަތްވުމަށް ރެޔާއިދުވާލު ކެނޑިނޭޅި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހިއްޖެއެވެ. ކުރީ ޒަމާނުގައި ނަމަ ކަރަކަރައިން އަންނަ ހަނގުރާމަ މަތީ ނައު ފަހަރު އާދޭތޯ ބަލަން ރަށުގެ ހަރު ފުރައިގެ މީހުން ނުކުމެ ތިބޭހެން މިއަދު އަޅުގަނޑުމެން ނިކުމެ ތިބެންޖެހޭ ދުވަސް އައިސްފައިވާ ކަމުގެ އިހްސާސް ހަމަގައިމު ވެސް އަޅުގަނޑަށް ކުރެވެއެވެ.

56 ވަނަ މިނިވަން ދުވަހެއް ފާހަގަ ކުރާއިރު މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ކުރަންވީ ސުވާލަކީ މިއަދު އަޅުގަނޑުމެންނަށް މިނިވަންކަން އިިހްސާސް ކުރެވޭތޯއެވެ.

Ads by HDC
  1. އައްޔު

    މިނިވަންކަމުގެ އިހުސާސެއްވާނީ އަހަރެމެން ކުރަންވީ ކަންތަކާއި ނުކުރާންވީ ކަންތައްތައް އެހެން ޤައުމަކުން ނުބުނާހިނދު