ޚަބަރު

ނައުފަލް އެންމެ ފަހުން ފެނިފައި ވަނީ ސްކޫޕް ކައިރިން ކަމަށް ބުނޭ، ބަޔަކު ފޮރުވީ ކަމަކަށް އަދި ނުދެކެން: އާއިލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގެއްލިގެން ހޯދަމުންދާ، އދ. ކުނބުރުދުއަށް އުފަން އަހުމަދު ނައުފަލް އެންމެ ފަހުން ފެނިފައި ވަނީ މާލޭ ޗާންދަނީމަގުގައި ހުންނަ ސްކޫޕް ކައިރިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

Ads by Hajj Corporation

އުމުރުން 26 އަހަރުގެ ނައުފަލްއަކީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެއަށް ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ކަމަށާއި، ފޯނުން އޭނާއާ އެންމެ ފަހުން ގުޅިފައި ވަނީ ވެސް އެ ދުވަހު ކަމަށް އާއިލާގެ ފަރާތުން ނައުފަލްގެ ކޮއްކޮ އިއްޔެ "ދެން"އަށް މައުލޫމާތު ދީފައިވެއެވެ.

"އޭގެ ފަހުން ނުއެއް ގުޅޭ. ދެން 27ގެ ފަހުން އޭނަގެ ފޯނު އޮތީ ނިއްވައިލަައިފަ. އެންމެ ފަހުން ހުރީ ހުޅުމާލޭގައި" ނައުފަލްގެ ކޮއްކޮ ބުނެފައިވެއެވެ.

ނައުފަލް ގެއްލި، ޚަބަރެއް ނުވުމުން އޭނާގެ އާއިލާއިން ވަނީ މި މަހުގެ 29ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.

ނަމަވެސް މިއަދު ބައެއް ޚަބަރުތަކުގައި ބުނެފައި ވަނީ، ނައުފަލް ގެއްލިފައިވަ ނީ ބަޔަކު އޭނާ ފޮރުވުމުން ކަމަށް އާއިލާއިން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ނައުފަލް ގެއްލިދާނެ ކަމަށް އާއިލާއިން ޤަބޫލު ނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް "ދެން"އަށް މައުލޫމާތު ދެމުން ނައުފަލްގެ ކޮއްކޮ ބުނީ، އާއިލާއިން އަދި ވަކި ގޮތަކަށް ނުދެކޭ ކަަމަށާއި އެ ފަދައިން މައުލޫމާތު ވެސް ނުދޭ ކަމަށެވެ.

"ފުލުހުން އެންމެ ފަހުން ދީފައިވާ އަޕްޑޭޓަކީ، މި މަހުގެ 26ވަނަ ދުވަހު ސްކޫޕް ކައިރިން ނައުފަލް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް" ނައުފަލްގެ ކޮއްކޮ ބުންޏެވެ.

މީގެ އިތުރުން ނައުފަލްގެ ކޮއްކޮ ބުނީ، އޭނާގެ ބޭބެ ހޯދައި ދިނުމުގައި އެންމެން ވެސް އެހީތެރިވެދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

އާއިލާގެ ފަރާތުން އެދިފައި ވަނީ، ނައުފަލްގެ އެއްވެސް ޚަބަރެއް ލިބިފައިވާ ނަމަ، ވީ އެންމެ އަވަހަށް 9677524 ނަންބަރު ފޯނާއި ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!