ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ނައުފަލް ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އދ. ކުނބުރުދޫއަށް އުފަން އަހުމަދު ނައުފަލް ފެނިއްޖެއެވެ.

Ads by Sosun Fihaara

"ދެން" އަށް މައުލޫމާތު ދެމުން ނައުފަލްގެ ކޮއްކޮ އަލީ ނާއިޒް ބުނީ އޭނާ ފެނިފައި ވަނީ މިއަދު ހަވީރުގެ ވަގުތަކު ކަމަށެވެ.

"ފެނުނީ ޗާންދަނީ މަގު ރޮމްބަސް ކައިރިން، އަޅުގަނޑަށް ގުޅީ. އެއީ ހަވީރު 4:26 ގައި" ނާއިޒް ބުންޏެވެ.

ނާއިޒް ބުނީ، ނައުފަލް ފެނިފައިވީ ނަމަވެސް، ފާއިތުވީ ދުވަސްތަކުގައި އޭނާ އުޅުނު ތަނެއް އަދި ނުފެނީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ ނައުފަލް އަކީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެއަށް ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ކަމަށާއި، ފޯނުން އޭނާއާ އެންމެ ފަހުން ގުޅިފައި ވަނީ ވެސް އެ ދުވަހު ކަމަށް ނައުފަލްގެ ކޮއްކޮ އިއްޔެ "ދެން" އަށް މައުލޫމާތު ދީފައިވެއެވެ.

"އޭގެ ފަހުން ނުއެއް ގުޅޭ. ދެން 27ގެ ފަހުން އޭނަގެ ފޯނު އޮތީ ނިއްވައިލައިފަ. އެންމެ ފަހުން ހުރީ ހުޅުމާލޭގައި" ނައުފަލްގެ ކޮއްކޮ ބުނެފައިވެއެވެ.

ނައުފަލް ގެއްލި، ޚަބަރެއް ނުވުމުން އޭނާގެ އާއިލާއިން ވަނީ މި މަހުގެ 29ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.

ނަމަވެސް މިއަދު ބައެއް ޚަބަރުތަކުގައި ބުނެފައި ވަނީ، ނައުފަލް ގެއްލިފައި ވަނީ ބަޔަކު އޭނާ ފޮރުވުމުން ކަމަށް އާއިލާއިން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ނައުފަލް ގެއްލިދާނެ ކަމަށް އާއިލާއިން ޤަބޫލު ނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް "ދެން" އަށް މައުލޫމާތު ދެމުން ނައުފަލްގެ ކޮއްކޮ ބުނީ، އާއިލާއިން ވަކި ގޮތަކަށް ނުދެކޭ ކަަމަށާއި އެފަދައިން މައުލޫމާތު ވެސް ނުދޭ ކަމަށެވެ. އަދި ޗާންދަނީ މަގުގައި ހުންނަ ސްކޫޕް ކައިރިން މި މަހުގެ 26 ވަނަ ދުވަހު ނައުފަލް ފެނިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވި ކަމަށް ވެސް ނާއިޒް ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!