ތުުރުކީގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ނުރައްކާ ޕަވަރ ޕްލާންޓަކަށް
ތުރުކީގެ ޖަންގަލިތަކުގައި ރޯވެެފައިވާ އަލިފާންގަނޑުގެ ނުރައްކާ އެ ގައުމުގެ ހުޅަނގު ދެކުނު މުގްލާ ޕްރޮވިންސްގެ ޕަވާ ޕްލާންޓްއަކަށް ފޯރައި އެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެލާރޓަށް ގެނެސްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކެމެކޯއި ޕަވާ ޕްލާންޓްގެ ގޭޓާ ހަމައަށް ފޯރައިފައެވެ. މިއާ އެކު އެތާ މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ހުސްކޮށް އެ ތަން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އަދި އެތާގައި ހުރި އަލިފާން ހިފާ ފަދަ ތަކެއްޗާއި ގޮވާ ޒާތުގެ ތަކެތި ވަނީ އެ ތަނުން ނެރެގެން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ. އަދި ފެން ޓޭންކްތަކާއި އަލިފާން ނިއްވާ ލޮރީތައް އެސަރަހައްދުގައި ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި އެ ސަހަރައްދުގައި ދިިރިއުޅޭ އާއްމު ރައްޔިތުން ވެސް އެ ސަރައްހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މި ޕަވާ ޕްލާންޓްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ފިއުލް އަދި ކޯލް ބޭނުންކޮށްގެން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މި އަލިފާންގަނޑަކީ ތުރުކީގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ނުރައްކާތެރި އަލިފާންގަނޑެއް ކަމުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިއަލިފާނުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 8އަށް އަރައިފައެވެ.