އޭޝިއާ ދުނިޔެ

ތާލިބާނުގެ ހަމަލާއެއްގައި އަފްގާނިސްތާނުގެ އިންފޮމޭޝަން އޮފިސަރު މަރައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަފްގާނިސްތާނުގައި މީގެ ކުރިން ދިން ހަމާލައެއް

ތާލިބާނުން ދިން ހަމަލާއެއްގައި އަފްގާނިސްތާނު ސަރުކާރުގެ މީޑިޔާ އެންޑް އިންފޮމޭޝަން އޮފިސަރު މަރައިލައިފިއެވެ.

Ads by WAMCO

ސަރުކާރުގެ އެންމެ އިސް މީޑިޔާ އޮފިޝަލުކަމުގައިވާ ދަވާ ހާން މަނިޕަލް މަރައިލައިފައިވާކަމަށް އަފްގާނިސްތާނުގެ ފެޑެރަލް އިންޓީރިއަރ މިނިސްޓްރީގެ އޮފިޝަލެއް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.

ދަވާ ހާން މަރައިލައިފައި މި ވަނީ އަފްގާންގެ ސަރުކާރުން ތާލިބާނަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ރައްދު ހަމަލާތައް ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް އަމާޒު ކުރާނެކަމަށް ބުނެ ތާލިބާނުން އިންޒާރު ދިންތާ އެއް ދުވަސް ފަހުންނެވެ.

ދަވާ ހާން ވަނީ މީގެ ކުރިން އަފްގާނިސްތާނުގެ ރައީސް ގަނީގެ ސްޕޯކްސްމަންގެ ވަޒީފާ ވެސް އަދާކޮށްފައެވެ.

"އޭނާއަކީ އަފްގާންގެ ނަން މަޝްހޫރު ޖާނަލިސްޓެއް.ރައީސް ގަނީގެ އަރިސް ބޭފުޅެއް. ބެލެވޭ ގޮތުގައި އޭނާ މަރައިލައިފައި މިވަނީ ހުކުރު ނަމާދަށް ދާން ގެއަށް ދިޔަ ވަގުތު" އަލްޖަޒީރާގެ ރިޕޯޓަރ ޖޭމްސް ބޭ ރިޕޯޓްކޮށްފައިވެއެވެ.

ތާލިބާނާއި އަފްގާން ސަރުކާރާ ދެމެދު މަޝްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި އެގައުމުގެ ޑިފެންސް މިނިސްޓަރ ދިރިއުޅުއްވާ ގެކޮޅާ ކައިރީގައި ވެސް ވަނީ ނުރައްކާތެރި ކާރު ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާއިން ޑިފެންސް މިނިސްޓަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ކާރު ބޮމުގެ މި ހަމަލާ ދީފައި ވަނީ އެގައުމުގެ ގްރީން ޒޯނާ ވެސް ކައިރީގައެވެ. ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ސަރުކާރުގެ އިމާރާތްތަކާ ބޭރު ގައުމުތަކުގެ އެންބަސީތައް ވެސް ހުންނަ ސަރަހައްދެކެވެ.

މި ހަމަލާ އަމާޒުކޮށްފައި ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!