ވެކްސިން ނުޖަހާ ވަޒީފާއަށް ނުކުތް ތިން މުވައްޒަފަކު ސީއެންއެންއިން ވަކިކޮށްފި
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ނުޖަހާ ވަޒީފާއަށް ނުކުތް ތިން މުވައްޒަފަކު، އެމެރިކާގައި ހުންނަ ސީއެންއެންގެ އޮފީހުން ވަކިކޮށްފިއެވެ.
އެމެރިކާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މިއީ އެ ކުންފުނިން ހަދާފައިވާ ޤަވާއިދުތަކާ ހިލާފު ވެގެން އެ ކުންފުނިން މުވައްޒަފުންތަކެއް ވަކިކުރި ފުރަތަމަ ފަހަރެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އެމެރިކާގެ ބައެއް އޮފީސްތަކުގައި ވެކްސިން ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ވެކްސިން ނުޖަހާ އަލުން އޮފީސްތަކަށް ހާޒިރުވުން ވެސް ވަނީ މަނާ ކޮށްފައެވެ.
އެމެރިކާގެ ކޮވިޑްގެ ހާލަތާ ގުޅިގެން އެ ޤައުމުގައި ވެސް ވަރަށް ގިނަ އޮފީސްތަކެއް ބަންދުކޮށް، ގޭގައި މަސައްކަތް ކުރާ ގޮތަށް މީގެ ކުރިން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް މިހާރު އެ ޤައުމުގައި ވެސް އެ ހާލަތު ރަނގަޅުވުމާ ގުޅިގެން ބައެއް އޮފީސްތަކަށް ހާޒިރު ވެގެން މަސައްކަތް ކުރާ ގޮތަށް ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.
ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، އޮފީސްތަކަށް ހާޒިރު ވެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން ކަމަށް އެ ޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފޭސްބުކާއި ގޫގްލް ފަދަ މަތީ ލެވެލްގެ ކުންފުނިތަކުން ބުނެފައި ވަނީ އެ އޮފީސްތަކުގެ މުވައްޒަފުން ވެކްސިން ޖަހަން މަޖުބޫރު ކުރާނީ ހުރިހާ އޮފީހަކަށް ވެސް ހާޒިރު ވެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެހުމުން ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިން ފުރިހަމަ ނުކޮށް ތިބި ތިން މުވައްޒަފަކު ސީއެންއެންއިން ވަކި ކުރުމާ ގުޅޭގޮތުން އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނޫސްވެރިކަމުގެ މި ދާއިރާގެ ގޮތުން ވެކްސިން ޖެހުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށެވެ. އެއީ މި ދާއިރާއަކީ ވަރަށް ގިނަ ބަޔަކާ ބައްދަލުވެ، އެތައް ބަޔަކާ އެކުގައި އަދާކުރާ ވަޒީފާއެއް ކަމުގައިވާތީ، ވެކްސިން ޖެހުން މުހިންމު ކަމަށެވެ.
އެހެން ކަމުން ވެކްސިން ނުޖަހާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅޭނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މިކަމާ ގުޅޭ ގޮތުން އަހަރުމެންގެ ހުންނާނީ ޒީރޯ-ޓޮލަރެންސް" ސީއެންއެންގެ ޗީފް ޖެފް ޒަކަރއެ ބަޔާނުގައި ބުނެފައިވެއެވެ.
ޒަކަރ ބުނީ އޮފީހަށް ހާޒިރުވުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރަން ހުރިހާ މުވައްޒަފުންނަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރިތޯ ޗެކް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.