ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
މި މަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި އަދި ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި ޕެރަލިމްޕިކް ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖަޕާނުގައި މި މަހުގެ 24އިން އަންނަ މަހުގެ 5އަށް ބާއްވާ ޕެރަލިމްޕިކްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައި ވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފައެވެ. އަދި ޚާއްޞަ ގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މި ދެ އެތުލީޓުން ވަނީ މުބާރާތުގެ ކުރިން ރައީސްގެ ނައިބު އެ ބޭފުޅުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށްފައެވެ. އަދި މި މުބާރާތުގައި ކާމިޔާބު ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށްބޮޑު އުންމީދެއްކަން މި ދެ އެތުލީޓުން ވެސް ފާހަގަކުރިއެވެ. ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްއާއި ރާއްޖޭގެ ޕެރަލިމްޕިކް ޑެލިގޭޝަނުން ވަނީ ޕެރަލިމްޕިކް ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުކޮށްދިނުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙްލޫފް އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑްސް ގޭމްސްގައި ފުރަތަމަ ޕެރާ އެތުލީޓެއްގެ ގޮތުން މުޙައްމަދު މާޒިން ބައިވެރިވެ ރާއްޖެއަށް ވަނީ ބްރޮންޒް މެޑަލް ހޯދައިދީފައެވެ. ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކުގައި ބައިވެރިވުމުގެ ތައްޔާރީތައް 2019ވަނަ އަހަރުން ފެށިގެން ކުރިޔަށްދާއިރު، މި ސަރުކާރުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.